ޚަބަރު

ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭ ޖެހި މައްސަލައިގައި ހައްޔަރު ކުރިމީހާ ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ގޮވާލައި އެ މަނިކުފާނުގެ ގެކޮޅާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީއެމްގެ އޮފީސް ދޮރަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

ފުލުހުން އިއްޔެ ބުނީ ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް، ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދު މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލިޔަސް، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރަށް މި މަހުގެ 11 ވަނަ ދުވަހުގެ ރޭ އެ މަނިކުފާނުގެ ފޮޓޯ ހިމެނޭ ކުރެހުމަށް ކަޅާއި ހުދުން ވަނީ ސްޕްރޭކޮށްފައެވެ. އެ ކުރެހުމުގައި ވަނީ "އެރެސްޓް ޔާމީން އަބްދުލްގައްޔޫމް" އިނގިރޭސި ބަހުން ޖަހައިފައެވެ. މިކަމާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ 20 އަހަރުގެ ފިރިހެނަކެވެ.