ކުރިއަށް އޮތް ސްކޫލު ބޮޑު ބަންދާ ދިމާކޮށް އިންޑިއާ ދަތުރުތައް ޑިމާންޑާ އެއްވަރަށް އިތުރުކުރާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާ ލަތީފު "ވަން" އަށް ވިދާޅުވީ މޯލްޑިވިއަނުން އަބަދުވެސް ބަންދުތަކުގައި ޑިމާންޑާ އެއްވަރަށް ޑެސްޓިނޭޝަންތަކަށް ކޭޓާ ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ސްކޫލު ބޮޑު ޗުއްޓީގައި ޑިމާންޑް އޮންނަ ވަރަކަށް އިންޑިއާއަށްވެސް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަން އިން ވަނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރިވަންޑްރަމަށް ކުރާ ދަތުރުތައްވެސް އަލުން ފަށައިފައެވެ. ހަފުތާއަކު ދެ ދުވަހު އޮންނަ މި ދަތުރުތައް އޮންނާނީ އާދީއްތަ އަދި ބުރާސްފަތި ދުވަހު އެވެ. ވެލާނާ އެއާޕޯޓުން އިންޑިއާގެ ތިރުވަނަންތަޕޫރަމް އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ދަތުރުތައް ބާއްވަނީ ހަފުތާއަކު ތިން ދުވަހު އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ކޮވިޑަށްފަހު އިންޑިއާގެ ތިރުވަނަންތަޕޫރަމް އެއާޕޯޓުން ރާއްޖެއަށް ފްލައިޓް ދަތުރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މި މަހުގެ 29 އިން ފެށިގެން އެއާލައިން ތަކުން އެއާޕޯޓުން މާލެއަށް ބާއްވާ ދަތުރުތައް ހަފުތާއަކު ފަސް ދުވަހަށް އިތުރުވާނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ އިންޑިއާއަކީ އެންމެ ގިނަ އަދަދެއްގ ދިވެހީން ބޭސްފަރުވާއަށްވެސް ދަތުރުކުރާ ގައުމެވެ.