އިނގިރޭސި ޕްރިމިއާ ލީގު، 2021-22 ވަނަ އަހަރުގެ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ ހޯދި އިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ފިލް ފޮޑެން ހޯދައިފިއެވެ.

ބެލްޖިއަމްގެ މިޑްފީލްޑަރު ޑިބްރޭނާއަށް ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވާ އިރު، އޭނާ ވަނީ 15 ގޯލު ޖަހައި ހަތް ގޯލަކަށް އެސިސްޓް ކޮށްދީފައެވެ. ލީގުގައި ސިޓީއަށް ބާކީ އަދި އެއް މެޗު އޮތް އިރު، އެންމެފަހު މެޗުގައި ލީގު ޔަގީންކުރަން މާދަމާ ރޭ ސިޓީން ނުކުންނަން ޖެހޭނީ އެސްޓޮން ވިލާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ ސިޓީއަށް މިއަހަރުގެ ލީގުވެސް ޔަގީން ވާނެއެވެ.

މިއީ ޑިބްރޭނާއަށް އެވޯޑު ލިބުނު ދެވަނަ ފަހަރުވެސް މެއެވެ. އެކަމާއި ގުޅިގެން އޭނާ ބުނެފައި ވަނީ ދެފަހަރަށް ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަކީ ޝަރަފެއް ކަމަށާއި، އެ ކަމަށް ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.

އުމުރުން 21 އަހަރުގެ ފޮޑަންއަށް މިދިޔަ އަހަރުވެސް ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިފައިވާ އިރު، މިފަހަރުވެސް މަގާމު ހޮވީ ސަޕޯޓަރުން ޕްރިމިއާ ލީގު ސައިޓަށް ލި ވޯޓުގެ އިތުރުން ލީގުގެ ކްލަބުތަކުގެ ކެޕްޓަނުން ދިން ވޯޓު އަދި ފުޓުބޯޅަ ތަޖުރިބާކާރުން އެކުލެވޭ ޕެނަލަކުންނެވެ.

އުމުރުން 30 އަހަރުގެ ޑިބްރޭނާއާއެކު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރީ ޖާއޯ ކާންސެލޯއާއި ލިވަޕޫލްގެ މުހައްމަދު ސަލާހާއި ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑުގެ އިތުރުން ވެސްޓް ހަމްގެ ޖެރޮޑް ބޮވެން، އާސެނަލްގެ ބުކަޔޯ ސަކާ، ޓޮޓެންހަމްގެ ފޯވަޑް ހިއުން މިއުން ސޮން އަދި ސައުތުހެމްޓަންގެ ޖޭމްސް ވާޑް ޕްރޯސްއެވެ.