އޭއެފްސީ ކަޕް

ބަޝުންދަރާ ކައިރިން މޯހަން ބަގާންއަށް ބޮޑު މޮޅެއް

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުގައި ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސް ކައިރިން އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ބަޝުންދަރާއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާއާއެކު އޭޓީކޭ މޯހަން ބަގާން ވަނީ ގްރޫޕުގެ އެއްވަނައަށް ޖެހިލައިފައެވެ. އެއްވަނައިގައި އޮތް އޭޓީކޭ މޯހަން ބަގާންއާއި ދެވަނައިގައި އޮތް ގޯކުލަމް ކެރަލާ އަދި ތިންވަނައިގައި އޮތް ބަޝުންދަރާ ކިންގްސްއަށްވެސް މިހާތަނަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، މިހާތަނަށް ގްރޫޕުގައި ދެމެޗު ކުޅެފައި އޮތީ މޯހަން ބަގާންއާއި ބަޝުންދަރާ ކިންގްސްއެވެ.

ގޯކުލަމް ކެރަލާއާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މިހާތަނަށް ގްރޫޕް ސްޓޭޖުގައި އެއް މެޗު ކުޅެފައިވާ އިރު، ޕޮއިންޓެއް ނުލިބި އޮތީ މާޒިޔާއަށެވެ. މާޒިޔާއިން މިރޭ ނުކުންނާނީ ގޯކުލަމް ކެރަލާއާ ދެކޮޅަށެވެ.

މިއަދު ހަވީރު ބަޝުންދަރާއާއި މޯހަން ބަގާން ކުޅުނު މެޗުގެ 10 ވަރަކަށް މިނެޓް ކުޅެވުނުތަނާ، ވަރަށް ބޮޑަށް ވިއްސާރަވެ ވައި ބާރުވުމުން މެޗު ވަނީ މެދުކަނޑާލަން ޖެހިފައެވެ.

މެދުކަނޑާލުމަށްފަހު މެޗު އަލުން ފަށައިގެން ދެން ފެނިގެން ދިޔައީ ބަޝުންދަރާގެ ނުރައްކާތެރި ދެ ހަމަލާއެކެވެ. ރިމޮން ހުސައިން ޖެހި ބޯޅަ މޯހަން ބަގާންގެ ގޯލުކީޕަރު އާޝް ޝައިޚް މަތަކުރި އިރު، ރޮބީނިއޯގެ ހަމަލާ އަމާޒުވީ ދަނޑިއަށެވެ. އެ ހަމަލާތަކަށްފަހު ދެން ފުރަތަމަ ހާފުގެ ބާކީ ބައިގައި ފެނުނީ މޯހަން ބަގާންއިން މެޗުގެ ކޮންޓްރޯލް ނެގިތަނެވެ.

އެޓީމުން 24 ވަނަ މިނެޓުގައި ލިސްޓޮން ކަލަކޯ ޖެހި ގޯލުން މެޗުގެ ލީޑު ނެގި އިރު، ހާފު ނިމުމުގެ ކުރިން ލިސްޓޮންގެ ދެވަނަ ގޯލަކާއެކު ލީޑު ފުޅާވެސް ކުރިއެވެ. ޖޯނީ ކައުކޯގެ ތުރޫ ޕާހަށް މަސައްކަތްކޮށް ލިސްޓޮން ދެވަނަ ގޯލު ޖެހީ އޭރިއާ ތެރޭގައި ހުސްކޮށް އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުވެސް ކޮންޓްރޯލުކޮށް ކުޅުނީ މޯހަން ބަގާންއިންނެވެ. ދެވަނަ ހާފު ފެށިގެން އަށް މިނެޓު ތެރޭގައި އެޓީމުން މެޗުގެ ތިންވަނަ ގޯލުވެސް ޖެހިއެވެ. އެ ގޯލުވެސް ޖެހީ ލިސްޓޮންއެވެ. އެ ގޯލާއެކު ލިސްޓޮންގެ ހެޓްރިކް ފުރިހަމަކޮށް މޯހަން ބަގާންއިން މެޗުން ތިން ޕޮއިންޓް ގާތް ގަނޑަކަށް ޔަގީންކުރިއެވެ.

މޯހަން ބަގާންއިން މެޗުގައި ޖެހި ހަތަރު ވަނަ ގޯލު، މެޗުގެ 77 ވަނަ މިނެޓުގައި ޖެހީ ޑޭވިޑް ވިލިއަމްސްއެވެ. މެޗުގައި މޯހަން ބަގާން ކޮޅަށް ބަޝުންދަރާއިން އުފެއްދި ގިނަ ހަމަލާތަކަށް ހުރަސް އެޅީ މޮޅަށް ކުޅުނު ގޯލްކީޕަރު އާޝްއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ރާއްޖޭގެ މާޒިޔާއާއި އިންޑިއާގެ ގޯކުލަމް ކެރެލާ ކުޅޭ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.