"އިންޑިއާ އައުޓް"އޭ ގޮވަމުންދާ އަންހެނުންތަކެއް ފަހަތުން ދުވުމަކީ ސިފައިން ލަތުވެތިވާން ޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ, އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ "އިންޑިއާ އައުޓް" މުޒާހަރާއެއްގެ ތެރެއިން ދިދައެއް ހިފައިގެން ހުރި އަންހެނަކު ފަހައި ސިފައިންގެ މީހަކު ދުވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އިންޑިއާ އައުޓް"އޭ ގޮވަމުންދާ ހިތްވަރުގަދަ އަންހެންތަކެއް ފަހައި ސިފައިން ދުވުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދު ރާއްޖެއަށް ގެންނެވީ އިގުތިސާދީ އަޅުވެތިކަން ކަމަށެވެ.

އިންޑިއާގެ ބާރު ރާއްޖެއަށް ފޯރާފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އޮތީ ބޭރު ބައެއްގެ އަޅުވެތިކަމުގައި ކަމަށާއި ސަރުކާރުން ކުރާ މަސައްކަތަކީ އެފަދަ މައްސަލަތަކާ ދެކޮޅަށް ނުކުންނަ މީހުން ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި ރައީސް ސޯލިހު ނެރުއްވި ގަރާރުގެ ދަށުން ދައުލަތުގެ އިދާރާތަކަށް ވަނީ އެ ހަރަކާތް ހުއްޓުވަން އަންގަވައިފައެވެ.

ރައީސްގެ ގަރާރަށްފަހު ފުލުހުން ގެންދަނީ މާލޭގެ އެކި ސަރަހައްދުގައި އިންޑިއާ އައުޓް ޖަހާފައިވާ ބެނާތަކާއި އިންޑިއާ އައުޓް ރަމްޒުވާ ގޮތަށް ހުރި ބެނާތައް ނަގަމުންނެވެ.

މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކަށް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް އަޅާފައިވާ އިރު، ރައީސް އޮފީހާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމައްޗަށްވެސް ވަނީ މި ކަރުދާސްތައް އަޅައިފައެވެ.

މީގެ އިތުރުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުންނަ މ. އެންދެރިގަސް ގޭގެ ފާރުގައިވެސް ވަނީ އިންޑިއާ އައުޓް ސްޕްރޭއިން ލިޔެފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅުގައިވެސް އިންޑިއާ އައުޓު ސްޕްރޭކޮށް ގެއްލުންދީފައިވެއެވެ.

އެ މައްސަލަތަކާ ގުޅިގެން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. އަދި އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ރޭ ވަނީ ހައްޔަރުކޮށްފައެވެ.