ޚަބަރު

ފުވައްމުލަޖުގައި ޑައިވް ކުރަނިކޮށް ހާލުދެރަވި މަހުމޫދު އިތުރު ފަރުވާއަށް އިންޑިއާ އަށް

ރިފާ ހަލީލު

ފުވައްމުލަކު ސިޓީގެ ނެރު ބޭރުން ޑައިވް ކުރަނިކޮށް ހާލުސީރިއަސްވި މަހުމޫދު ފާއިޒް އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި އެވެ.

މިދިޔަ މަހުގެ ތިން ވަނަ ދުވަހު މަހުމޫދު ޑައިވިނަށް ފޭބީ މަޝްހޫރު ޑައިވަރު މުހައްމަދު ސައީދުއާއެކު އެވެ. އެދުވަހު ސައީދު ވަނީ ގެއްލިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ހަފުތާއެއް ވަންދެން އެމްއެންޑުއެފުން ކުރި ނަމަވެސް އޭނާ އަދިވެސް ފެނިފައެއް ނުވެ އެވެ.

މަހުމޫދު ހާލު ސީރިއަސްވެ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ ވަނީ ދ. ކަނޑިންމަ ރިސޯޓުގައި ހުންނަ ޗެމްބާގައި ފަރުވާދިނުމަށްފަހު ޅ. ކުރެއްދޫ ރިސޯޓުގައި ހުރި ޗެމްބަރަށް ބަދަލުކޮށް އެތަނުގައިވެސް ވަނީ ފަރުވާދީފަ އެވެ. ނަމަވެސް ހާލު އިތުރަށް ސީރިއަސްވެ އޭޑީކޭއަށް ގެނެސްވެސް އޭނާއަށް ވަނީ ފަރުވާދީފަ އެވެ.

އޭޑީކޭ އިން ފަރުވާ ދިނުމަށްފަހު އަނެއްކާވެސް ކުރެއްދުއަށް ގެންގޮސް ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އާއިލާއިން ވަނީ މިއަދު އޭނާ އިންޑިއާއަށް ގެންގޮސްފަ އެވެ.

އާއިލާގެ ގާތް މީހަކު "ވަން" އަށް މިއަދު ބުނީ މަހުމޫދު އިންޑިއާއަށް ފުރީ މިއަދު ހެނދުނު ކަމަށެވެ. އަދި ގެންދިޔައީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ހެދުމަށް ކަމަށްވެސް ބުންޏެވެ.