ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށް ގެންދިިޔަ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޗެމްޕިއަންކަން ޓީމް މާވަށުން ހޯދައިފިއެވެ.
ޖުމުލަ ދިހަ ޓީމު ވާދަކުރި އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޓީމް މާވަށުން ހޯދީ ރޭ ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 4-2 ގެ ނަތީޖާއަކުން ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) ބަލިކޮށްގެންނެވެ.
ރޭގެ ފައިނަލް މެޗުގައި މާވަށުން މޮޅަށް ކުޅެ، ގިނަ ފުރުސަތުތަކެއްވެސް ހޯދާފައިވާ އިރު، މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އެޓީމު ފެނުނީ ޖޯޝުގައި ކުޅުނު ތަނެވެ. އެތަކެއް ސަޕޯޓަރުންނެއް ރޭގެ މެޗު ބެލުމަށް ދަނޑު ފުރާލާފައި އޮތް އިރު، މާވަށުގެ ސަޕޯޓަރުން ނިސްބަތުން ގިނަކަންވެސް ފާހަގަ ވެގެން ގޮސްފައިވެއެވެ.
ރޭގެ މެޗުގައި މާވަށުން ޖެހި ގޯލުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ޝާއިރާއި އާދަމް ވަޖީހުގެ އިތުރުން ހަސަން ސުހާން އަދި އީސާ އަލީމެވެ. މެޗުގައި އެފްއެމްއެސްސީގެ ދެ ގޯލުވެސް ޖަހައިދިނީ ކްލަބު ވެލެންސިއާއަށް ކުޅެމުން އަންނަ އަހުމަދު ރިލުވާން (ރިލޭ) އެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވެއެވެ. ރޭގެ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިތުރުން މުބާރާތުގެ ޓައިޓަލް ސްޕޮންސާ، ސިބްކޯގެ މާކެޓިން މެނޭޖަރު ހާނީ ނައީމް، ލ. ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް އަދި ލާމު އަތޮޅުގެ ޕޮލިސް ކޮމާންޑަރު އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ޝިބާނާ ހަސަން ބައިވެރިވެވަޑައިގެންފައިވެއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް މާވަށުގެ ޝާއިރު ހޮވުނު އިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އައުޓްރީފް ސްޕޯޓްސް ކްލަބު ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އެފްއެމްއެސްސީގެ ބިޗަޑު ވަނީ މުބާރާތުގައި 11 ގޯލު ޖަހައިފައެވެ.
ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޓައިޓަލް ސްޕޮންސަރަށް "އަމް މުދިޝް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް އަދި ފޮނަދޫ ކައުންސިލެވެ. އޯގަނައިޒިން ޕާޓްނަރަކީ ލ. އެޓޯލް ޕޮލިހެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ޝަބްނަމީ ހޯލްޑިންގްސް އެވެ.
ލޮޖިސްޓިކްސް ޕާޓްނަރަކީ ދިވްޒޯން ލާމެވެ. ކޮފީ ޕާޓްނަރަކީ ލ. ފޮނަދޫގެ ދި ޖޭމް ކިޗަން ރެސްޓޯރަންޓެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. އޮފިޝަލް ކިޓް ޕާޓްނަރަކީ މަޅި އެމްވީއެވެ. ލައިވް ޕާޓްނާއަކީ "ބިގޭ ޓީވީ"އެވެ.
ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.
ލީޑުން ރޭ އިއުލާން ކޮށްފައިވާ ގޮތުގައި އަންނަ އަހަރުވެސް ލީޑް ވެޓްރަންސް ކަޕް ފޮނަދޫގައި އޮންނާނެއެވެ. މުބާރާތް އަންނަ އަހަރު މިއަހަރަށްވުރެވެސް ބޮޑުކޮށް ކުރިއަށް ގެންދަން ލީޑުން ވަނީ ނިންމާފައެވެ.