އިސްލާމިކް މިނިސްޓްރީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިސްލާމިކް ސެންޓަރެއް އަޅަން ނިންމައި، ހުށަހަޅާ ޑިޒައިންތަކުގެ ތެރެއިން ވަނަތަކަށް ހޮވޭ ޑިޒައިންތަކަށް ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ޑިޒައިން ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އަންނަ އޮގަސްޓް 25ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ހަތް ލައްކަ ރުފިޔާ، ދެވަނައަށް ދެ ލައްކަ ރުފިޔާ އަދި ތިންވަނައަށް ހުށަހަޅާފައިވަނީ އެއް ލައްކަ ރުފިޔާއެވެ. މުބާރާތަށް ހުށަހަޅާފައިވާ އިނާމުގެ ޖުމުލަ އަކީ އެއް މިލިއަން ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ ސެންޓަރުގެ ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިން އޭރިއާއާއި އޮފީސްބަޔަކާއި މަލްޓިޕާޕަސް ހޯލާއި ސެމިނާ ރޫމާއި ލައިބްރަރީއާއި ސްޓާފް ކެންޓީނާއި ކްލާސްރޫމާއި ކޮމާޝަލް އޭރިއާ އަދި ރެކްރިއޭޝަނަލް އޭރިއާއެއް ހިމަނަން ވާނެ ކަމަށާއި ހުށަހަޅާ ޑިޒައިނަކީ މީގެ ކުރިން އެއްވެސް ތަނަކުން ބޭނުންކޮށްފައިނުވާ، އާ ޑިޒައިނަކަށް ވާން ޖެހޭނެ ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.