ޚަބަރު

އިދިކޮޅު މުޒާހަރާއިން ހަތް މީހަކު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީ އޮފީސް ކުރިމަތީ މިރޭ ބޭއްވި އެ މުޒާހަރާ ތެރެއިން އެ ހަތް މީހަކު ހައްޔަރުކުރީ ފުލުހުންނާ އެ މީހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގުމަށްފަހުއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މުޒާހަރާގެ ތެރެއިން ހަތް މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. ލިބުނު އަނިޔާގެ ތަފްސީލެއް ނުދެއްވައެވެ.

އެ ކޯލިޝަންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އާސިމް އާދަމް އޭނާގެ ފޭސްބުކުގައި ވަނީ އަނިޔާވި އަންހެނެއްގެ ވީޑިއޯ ޕޯސްޓުކޮށްފައެވެ. އެ ވީޑިއޯގައި އަންހެން މީހާ ނޭވާލުމަށް ދަތިވެގެން އުޅޭ މަންޒަރު ފެނެއެވެ. އަދި އޭނާގެ ކައިރީގައި ފުލުހެއް ހަރަކާތްތެރިވަމުންދާ މަންޒަރު ފެނެއެވެ.

އާސިފް ވިދާޅުވީ، އެ އަންހެން މީހާ ފުލުހުންގެ ވެހިކަލަށް އެރީ ކިޔަމަންތެރިކަމާއެކު ކަމަށެވެ. ނަމަވެސް ވެހިކަލް ތެރޭގައި އޭނާއަށް ފުލުހުން އަނިޔާކުރި ކަމަށް އާސިފް ތުހުމަތުކުރެއްވިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން ވެސް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިން މީހުން ވެސް ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލައިފައެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރެ އެ ކެމްޕޭން ހުއްޓުވުމަށް އަންގައިފައެވެ.

އެ ގަރާރާ ގުޅިގެން ފުލުހުން ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކެއް ނަގައިފައެވެ. އޭގެ ތެރޭގައި ޔާމީންގެ ގޮކޮޅުގައި ހަރުކޮށްފައިވާ ބެނާވެސް ހިމެނެއެވެ. އަދި ބެނާ ހަރުކުރި ގެތަކުގެ ވެރިން ފުލުހަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ. މީގެ އިތުރުން ފާރުތަކަށް "އިންޑިއާ އައުޓް" ސްޕްރޭ ކުރި މީހެއްގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން "އިންޑިއާ އައުޓް" ކެމްޕޭން އިންތިޒާމުކުރާ ހޯރަފުށީ ދާއިރާގެ ކުރީގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިހާރު އޭނާ ވަނީ ދޫކޮށްލައިފައެވެ. މުހައްމަދު އިސްމާއީލާއެކު ދެން ހައްޔަރުކުރީ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމުގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.

ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރިއަސް މުޒާހަރާކުރުން ނުހުއްޓުވޭނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ރައީސް ސޯލިހުގެ ގަރާރަކީ ބާތިލު ގަރާރެއްކަން ކަނޑައަޅަން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފައެވެ.