ޚަބަރު

ފައްޔާޒްގެ ތަޖުރިބާއާއެކު 2023 ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

މުހައްމަދު އިޝާން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއެކު 2023 ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ފައްޔާޒަށް މަރުހަބާ ދެންނެވުމަށް ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައްޔާޒަކީ ހިންގުތެރިއެއް ކަމަށާއި، ފައްޔާޒްގެ ތަޖުރިބާއާއެކު އެމްޑީޕީއަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށެވެ.

"ފަޔާގެ ހިންގުމުގެ ތަޖުރިބާއާއެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. ކުރިއަށް ކުރިއަށް، ބާރަށް ކުރިއަށް އެމްޑީޕީ،" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒް ވާދަކުރެއްވީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ. ފައްޔާޒްގެ ވާދަވެރިޔާ މާފަންނު އުތުރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރެއްވީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.

ޗެއާޕާސަންގެ ކެމްޕޭނުގައި އަދި ބަހުސްގައި ވެސް ފައްޔާޒް ވަނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު މީޑިއާތަކަށް ދިން އިންޓަވިއެއްގައި ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހު 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ނުބެލެވޭކަމަށް ވިދާޅުވެފައެވެ. އެ ވާހަކަތަކަށް ރައްދުދެމުން ރައީސް އޮފީހުން ބުނެފައިވަނީ ރައީސް ސޯލިހު ޕްރައިމަރީގައި ވާދަނުކުރެެއްވުމާ ގުޅޭގޮތުން އެއްވެސް ބޭފުޅަކާ މަޝްވަރާ ނުކުރައްވާ ކަމަށެވެ.