ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓުތައް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފު ކުރާ ޕާލް ރެސިޑެންސީ ވިސާ ޕްރޮގްރާމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވީ ނަމަވެސް، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕްރޮގްރާމަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

ސަރުކާރުން މި ޕްރޮގްރާމް ފަރުމާކުރަން ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނެ ކަމެއް؛ އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް،" ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ރެސިޑެންސީ ޕްރޮގްރާމްގެ މަގުސަދަކީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓުތައް ކުރާ ފަރާތްތަކަށް ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. ނަމަވެސް މިކަމާ ދެކޮޅަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި، މި ޕްރޮގްރާމުން ދައުލަތަށް ލިބޭނެ މާލީ މަންފާއެއް ސާފު ނޫން ކަމަށާއި މިއީ ގައުމީ ސަލާމަތާއި މާލީ ސިޔާދަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ގަރާރުގައި ބުނެފައިވާ ގޮތުން މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ތެރޭގައި އެކި އިދާރީ އަދި ގާނޫނީ ބާރުތަކެއް ލިބިގެންވާ ވަކި ދައުލަތެއް އުފެދި، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެއެވެ. އަދި އިންވެސްޓްމެންޓް މެދުވެރިކޮށް ރެސިޑެންސީ ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން މި ޕްރޮގްރާމަށް ހުއްދަ ދިނުން ހުއްޓާލުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.