ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަނުން، މެލޭޝިއާގެ ކުއަލަލަންޕޫރަށް ހާއްސަ ހަތަރު ފްލައިޓް ބާއްވަން ހަމަޖައްސައިފިއެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް، އަހްމަދު މުޝްއިލް ސޮބާހު "ވަން" އަށް މިއަދު ވިދާޅުވީ އަޟްހާ އީދާ ދިމާކޮށް ގިނަ ފަރާތްތަކުން ދާން ބޭނުންވާ އެއް މަންޒިލަކީ މެލޭޝިއާ ކަމަށެވެ.

އެގޮތުން މޯލްޑިވިއަން އިން ޓްވިޓާގައި ކުރިއަށްގެންދިޔަ ޕޯލް އަކުން އަޟްހާ އީދުގެ ފޭވްރިޓް މަންޒިލަކަށްވެސް މެލޭޝިއާ ހޮވިފައިވާތީ މި ފްލައިޓް ތަކަކީ ބޮޑު އީދަށް މެލޭޝިއާ އަށް ދާން ބޭނުންވެފައި ތިބި ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފްލައިޓް ތަކެއް ކަމަށް މުޝްއިލް ވިދާޅުވިއެވެ.

މޯލްޑިވިއަން އިން ބޮޑު އީދާ ދިމާކޮށް އަންނަ ޖުލައި މަހުގެ 8، 15، 22 އަދި 29 ވަނަ ދުވަހު ބާއްވާ މި ފްލައިޓުތަކުގެ ރިޓާން ޓިކެޓުގެ އަގު އުޅެނީ 399 ޑޮލަރަށެވެ. މި ފްލައިޓް ތަކަށް ބުކިން ހެއްދުމަށް މޯލްޑިވިއަން އިން މިހާރު ވަނީ ހުޅުވާލައިފައެވެ.

ބޮޑު އީދަށް ހާއްސަކޮށް ފްލައިޓްތަކެއް ބޭއްވުމަށް މޯލްޑިވިއަނުން ނިންމާފައިވާ އިރު، މިދިޔަ ކުޑަ އީދަށްވެސް މޯލްޑިވިއަން އިން ވަނީ ހާއްސަ އަގެއްގެ ދެ ފްލައިޓެއް ބާއްވައިފައެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ގައުމެކެވެ. އަދި ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުންވެސް އަންނަ ގައުމެކެވެ.

ކުރިއަށް އޮތް ހައްޖު ދުވަހާއި ބޮޑު އީދާއެކު ޖުލައި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެއެވެ. އަދި ޖުލައި މަހުގެ 13 އަދި 14 ވަނަ ދުވަސް ވެސް ބަންދު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވައިފައެވެ. އަދި ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ޖުލައި މަހުގެ 26 އަދި 27 އަކީވެސް ބަންދު ދެ ދުވަހެވެ. ރައީސް ވަނީ ޖުލައި 28 ވަނަ ދުވަސްވެސް ބަންދު ކުރުމަށް ނިންމަވައިފައެވެ.