ޚަބަރު

ނަސަންދުރައިގެ ލިފްޓެއް ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ

ރިފާ ހަލީލު

ނަސަންދުރާ ހޮޓެލްގެ ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ނަސަންދުރާ ހުރި ބިމުގައި ހަދަމުން އަންނަ އިމާރާތުގެ ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ހެނދުނު 10:30 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެމީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި އޭނާ ގެންދިޔަ ހޮސްޕިޓަލެއް އޮފިސަރަކަށް އެނގިވަޑައެއް ނުގަންނަވައެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް މިއަދު ވިދާޅުވީ ލިފްޓެއް ވެއްޓި އަނިޔާވެގެން އެ ހޮސްޕިޓަލަށް 29 އަހަރުގެ ފިރިހެނަކު ގެނެސްފައިވާ ކަމަށެވެ. އަދި އޭނާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށާއި ލިބުނު އަނިޔާގެ ތަފުސީލާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދަތި ކަމަށެވެ.

ދާދިފަހުން ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ލިފްޓެއް ވެއްޓިގެންވެސް ބިދޭސީއަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ފަހުން ވަނީ އައިޖީއެމްއެޗު ހޮސްޕިޓަލުގައިވެސް ފަރުވާދީފަ އެވެ.