ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުންހުރި ތިން ފަޅެއް ވިއްކާލަނީ

މުހައްމަދު ޖަމްޝަތް ވަހީދު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ ކ. އަތޮޅުގެ ތިން ފަޅެއް ވިއްކާލަން އިއުލާނުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ވަކިވަކިން ކުރި ތިން އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ރިސޯޓެއް ތަރައްގީ ކުރަން ކ. އަތޮޅުން ކުއްޔަށް ދޫކޮށްފައިވާ ތިން ފަޅެއް ކުއްޔަށް ހިފާފައިވާ ފަރާތްތަކުން އެ ތަންތަނުގެ މިލްކުވެރިކަން އެހެން ފަރާތްތަކަށް ބަދަލު ކުރަން މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

މި ތިން ފަޅަކީ ސިންގަޕޫރުގެ ސަނީ ހޯލްޑިންސް އަށް ދޫކޮށްފައިވާ ފަޅާއި، ތުރުކީގެ ވިޔަފާރިވެރިންތަކެއް ހިމެނޭ ޑެޕެޒާ ސާވިސަސް އިން ކުއްޔަށް ނަގާފައިވާ ފަޅާއި ދުބާއީގެ ޑެލްމާ ކުންފުނިން ކުއްޔަށް ނަގާފައިވާ ކ. ތޮޅިމަރާހުރާ ފަޅެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް މި މިނިސްޓްރީން ކުއްޔަށްދޫކޮށްފައިވާ މި ތިން ފަޅު ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ފަޅު ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހައި ހައްގުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދިފައިވާތީ އެ ފަޅުތަކާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ 14 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް އެންގުމަށެވެ.

އެ ފަޅުތައް ކުއްޔަށް ދީފައި ވަނީ އުސޫލުތަކުގެ ބޭރުން ކަމަށާއި އެ ތަންތަނުން ދައުލަތަށް ލިބެން ޖެހޭ ކުލީގެ ފައިސާ އެ ތަންތަން ނެގި ފަރާތްތަކުން ދެއްކި ނަމަވެސް އެ ފައިސާ ދައުލަތަށް ލިބިފައި ނުވާތީ، އެ ތަންތަނާ މެދު އަމަލު ކުރާނެ ގޮތެއް އެޓާނީ ޖެނެރަލްގެ ލަފައެއް ހޯދައިގެން ކުރިއަށް ގެންދަން 2017ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީީ) އިން ޓޫރިޒަމް މިނިސްޓްރީގައި އެދިފައިވެ އެވެ.

މިނިސްޓްރީގެ އޮފިޝަލަކު 'ވަން' އަށް ވިދާޅުވީ ގާނޫނު އޮތް ގޮތުން މި ތިން ފަޅާއި ބެހޭ ދަރަންޏެއް ނުވަތަ ޖިނާއީ މައްސަލައެއް ނެތް ކަމަށްވާނަމަ އެ ފަޅުގެ މިލްކުވެރިކަން މިނިސްޓްރީން ބަދަލުކޮށްދޭން ޖެހޭ ކަމަށެވެ.