ރިޕޯޓް

އަލީމް ފައިސާ ހޭދަކުރަމުންދިޔައީ މިސްކިތަށް އެހީވުމަށް، މަރުވީ ކެންސަރު ޖެހުނުކަން އެނގުނުތާ ތިންމަސް ފުރުނު ދުވަހު

ރިފާ ހަލީލު

1

"އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ދީން އުނގެނުމަށާއި އުނގަންނައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި. މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑަށް ގަވާއިދުން ކޮންމެ މަހަކު ފައިސާ ޖަމާކުރޭ. އެހެންވެ އަލީމް ނެތް ދުނިޔެއެއްގައި އޭނާގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް އާއިލާއިން މިހާރު އަންނަނީ މަސައްކަތްކުރަމުން،"

މިއީ މިދިޔަ ރޯދަމަހުގެ 14 ވަނަ ދުވަހު މަރުވި ގއ. ކޮލަމާފުށި، ރޯޅި، އަހުމަދު އަލީމްގެ ވާހަކަ އެވެ. އަލީމަކީ މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން ފުލުހުންގެ ހިދުމަތުގައި ހުރި ސިއްހަތު ރަނގަޅު ޒުވާނެކެވެ. 2011 ވަނަ އަހަރު އޮސްޓްރޭލިއާއަށް ބަދަލުވުމުގެ ކުރިން އަލީމް މަސައްކަތް ކުރީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގަ އެވެ. އެންމެ ފަހުން މަސައްކަތް ކުރީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިޕާޓުމެންޓުގެ ވެރިއަކަށެއެވެ. ޕޮލިހުގެ މަސައްކަތް ކުރަމުން އިސްލާމިކް ޝަރީޔާ އިން ލޯ ޑިގްރީއެއްވެސް ހާސިލްކޮށް ކިޔަވާދިނުމުގައިވެސް ބުރަކޮށް އުޅުނެވެ.

އަލީމްގެ އާއިލާގެ އުފާވެރި ހަޔާތަށް ހިޔަނި އެޅިގެންދިޔައީ މިއަހަރުގެ ޖެނުއަރީގައި "އިންޓްރާ ހެޕާރޓިކް ކޮލެންޖިއޯ ކާސިނޯމާ (ކެންސަރުބަލީގެ ވައްތަރެއް) ބަލި ޖެހިފައި ހުރިކަން އެނގުނު ހިސާބުންނެއެވެ. މިބަލީގައި މާގިން ދުވަސްތަކެއްނުވެ އަލީމް ވަނީ މަރުވެފަ އެވެ.

އަލީމްގެ އާއިލާގެ ފަރާތުން އެނާގެ ވާހަކަ "ވަން" އަށް ހިއްސާކުރީ އޭނާގެ ކޮއްކޮ އިބްރާހިމް އަލީމެވެ. އިބްރާހިމް ބުނީ އަލީމަކީ ވަރަށް ސިއްހަތަށް ބަލައިގެން ގަވާއިދުން ކަސްރަތުކޮށް، ކެއުމުގައި ވަކި މިންގަނޑެއް ހިފަހައްޓައި ޑޮކްޓަރަށް ދައްކަމުން ދިޔަ މީހެއް ކަމަށެވެ. ކެންސަރު ބަލި ހުރިކަމުގެ ހަބަރު ޖެނުއަރީގައި ލިބުމުގެ ކުރިން ޑިސެމްބަރ 2021 ގައި ހަދާފައިވާ އެއްވެސް ޓެސްޓަކުންވެސް މިފަދަ ބޮޑު ކަމެއް ހަށިގަނޑުގައި ހުރިކަމުގެ އެއްވެސް އަސަރެއް ނެތްކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނާ ބުންޏެވެ.

އެކަމަކު މުޅި މީހާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔައީ ބަނޑުގައި ރިއްސައިގެން ޑޮކްޓަރަށް ދެއްކުމުގެ ތެރެއިން އެނގުނު ކަންތައްތަކުންނެވެ. ކެންސަރު ޖެހިފައި ހުރިކަމާއި ވަގުތުވެސް ވަރަށް ބޮޑަށް ލަސްވެއްޖެކަން އެނގުމުންނެވެ.

"ތިއްތިބެ (އަލީމް) މި ޖެނުއަރީގަ ބަނޑުގަ ރިއްސަން ފެށީ. މާބޮޑަކަށްވެސް ނޫން. ދެން ވަރަށް ދުރު ދުރުން ތަދު އަންނަހެން ހީވެ އުނދަަގޫވާންފެށީމަ ޑޮކްޓަރަށް ދައްކާފަ ޓެސްޓުތަކެއް ހެދީ. އޭގެން މައްސަލަތަކެއް އުޅޭތީ އިތުރަށް ސްކޭންތައް ހަދައި ހުރިހާ ކަމެއް ކުރީ. ދެން ޑޮކްޓަރު ބުނީ ކެންސަރު ހުރިކަމަށް. ލިވާ އަށް، ލަންގަށް، އަދި ލިމްފް ނޯޑްސްއަށް، ދެން ގާތްގަނޑަކަށް މުޅި ހަށިގަނޑަށް. މައި ބަދައިގައި ކެންސަރު ހުރިކަން އެނގުނީ ފެބްރުއަރީ މަހު ހެދި ސްކޭނަކުން. އެކަމަކު އަލީމުގެ އުމުރަށާއި ސިއްހީ ހާލަތަށް ބަލާފައި ޑޮކްޓަރުންވެސް ލަފާދިނީ ޕެއްލުއޭޓިވު ކީމޯތެރަޕީ ފެށުމަށް. އެހެންނަމަވެސް އެއީ ފަރުވާއެއްގޮތަށް ފެށި ކަމެއްނޫން. ގިނަ ދުވަހު ދުނިޔޭގެ ހުރެދާނެ ކަމަށް އުއްމީދުކޮށްގެން ފެށިކަމެއް." އަލީމަށް ކެންސަރު ޖެހުނުކަން އެނގުނު ގޮތް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

އެގޮތުގެ މަތިން ކީމޯ ނަގަން ފެށިނަމަވެސް ވަކި ހިސާބަކުން ކީމޯ ފެއިލް ވީ އެވެ. ކެންސަރުގެ ފަހު ސްޓޭޖުގައި ހުރުމުން ކީމޯދިން ނަމަވެސް ބަލިން ފަސޭހަވާ ގޮތެއް ނުވި އެވެ.

"މި ދުނިޔޭގަ ކާމިޔާބު ނުވެއްޖެނަމަ އާހިރަތުގައި ކާމިޔާބު ދެއްވާތޯ އެންމެ ފަހު ނޭވާޔާ ހަމަޔަށްވެސް މަސައްކަތްކުރި. އެހެންވެ ކީމޯ ދޭން ފެށި. އެކަމަކު ވަކި ހިސާބަކުން ކީމޯ ފެއިލްވީ. މަރުވެގެން ދިޔައީ ބަލި ޖެހުނުތާ ތިން މަސް ފުރުނު ދުވަހު. ބަލި ޖެހުނުކަން އެނގުނީވެސް ހުކުރު ދުވަހެއްގަ. މަރުވީވެސް ހުކުރު ދުވަހެއްގަ." އަސަރާއެކު އޭނާ ބުންޏެވެ.

އެންމެ ފަހު ނޭވާ ދޫކޮށްލީ އާއިލާ އާއި އޮސްޓްރޭލިއާގައި ދިރިއުޅޭ ގިނަ ދިވެހިންނާއި ރައްޓެހިންގެ ކުރިމަތީގައި ކަމަށެވެ.

އަލީމް އަކީ އޭނާގެ ދުނިޔެވީ ހަޔާތުގައި އިސްލާމް ދީން ދެކެ ވަރަށް ލޯބިވި ހާއްސަކޮށް އޮސްޓްރޭލިއާއަށް ބަދަލުވުމަށްފަހު ދީނީ ކަންތަކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ބެހެއްޓި މީހެއް ކަމަށް އޭނާގެ އާއިލާގެ ފަރާތުން މައުލޫމާތުދެއެވެ.

އަލީމް އޮސްޓްރޭލިއާގައި ހުރި އަވަށަށް އޭނާ ބަދަލުވި އިރު އެތާނގައި ދިރިއުޅޭ މުސްލިމުން ނަމާދު ކުރަމުންދިޔައީ ކޮންޓެއިނާއެއް ތެރޭގައި ކަމަށާއި ނަމަވެސް މިހާރު އެތަނުގައި ވަނީ ޒަމާނީ ފެންވަރުގެ ދެ ބުރި މިސްކިތެއް ބިނާކޮށްފައެވެ. އެ މިސްކިތް ބިނާކުރުމަށް ހުޅުވާފައި ހުރި ފަންޑަށް ފައިސާ ހަދިޔާ ކުރަމުންދިޔަ ކަން އެނގިފައިވާ ކަމަށް އަލީމްގެ އަންހެނުންގެ ފަރާތުން އެނގުނެވެ. މިސްކިތުގެ އިމާމުންނާ ވެސް ގާތް ގުޅުމެއް އޮންނާތީ އަލީމް ހިނެވުމާއި ކަށުނަމާދު ކުރުމަށް އާއިލާގެ ފަރާތުން އިހުތިޔާރު ކުރީވެސް އެ މިސްކިތުގައެވެ.

އަލީމާއި އަންހެނުންނާއި ދެ ކުދިންނަކީވެސް އޮސްޓްރޭލިއާގެ ރަށްވެހިން ކަމުން އަލީމް ނެތް ނަމަވެސް، ދިރިއުޅުން ބިނާކޮށްފައި އޮތީ އެގައުމުގައި ކަމަށްވުމުން އޮސްޓޮރޭލިއާގެ އަލީމް ދިރިއުޅުނު ޕާތުގައި ލަފާކުރެވޭގޮތުގައި 500 ވަރަކަށް ދިވެހިން ދިރިއުޅެމުން ދާތީ ހުރިހާ އެންމެންވެސް އިސްލާމް ދީން ދެކެ ލޯބިވާކަން ފާހަގަކުރެވިފައިވާ ކަމާއި، މިހާރު މިސްކިތް މަދުކަމުން ބައެއް މިސްކިތްތަކުގައި ދެ ދަންފަޅިއަށް ހުކުރު ނަމާދުކުރަމުން ދާތީ އާއެކު އޭނާ ބޭނުންވަނީ އަލީމްގެ ހަނދާނުގައި އޮސްޓްރޭލިއާގެ މުސްލިމުން ގިނަ ނަމަވެސް ނިސްބަތުން މިސްކިތް މަދު އަވަށެއްގައި "މަސްޖިދުލް އަލީމް" ބިނާކުރުމަށެވެ.

އަލީމްގެ މަރަށްފަހު "އަލީމް ފައުންޑޭޝަން"ގެ ނަމުގައި އަލީމްގެ އަންހެނުން އިސްނަގައިގެން އާއިލާއާއި އޮސްޓްރޭލިއާގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ އެއްބާރުލުމާއެކު އޮސްޓްރޭލިއާގައި ވަނީ ފައުންޑޭޝަނެއް ހުޅުވައިފައެވެ. އަދި ރާއްޖޭގައިވެސް ފައުންޑޭޝަނެއް ހުޅުވުމުގެ މަސައްކަތް އާއިލާއިން އަންނަނީ ކުރަމުންނެވެ.

ނަރުހެއްގެ ގޮތުގައި އޮސްޓްރޭލިއާގައި މަސައްކަތް ކުރަމުން އަންނަ، އަލީމްގެ ހަޔާތުގެ ބައިވެރިޔާ ނަބީލާ ޝިހާބު "ވަން" އަށް ބުނީ ޑޮކްޓަރުން ދިން ހަބަރާއިއެކު، އެއީ އެންމެ ފަހުގެ ބަސްކަމުގައި ނުދެކި އިތުރު ޑޮކްޓަރުންނާއި އެހެން ގައުމުތަކުގެ ހޮސްޕިޓަލްތަކަށް އަލީމްގެ ރިޕޯޓްތައް ފޮނުވައިގެން ފަރުވާއަށް އަލިމަގެއް ފެނޭތޯ މަސައްކަތްކުރި ކަމަށެވެ. އެހެންނަމަވެސް ހުރިހާތަނަކުވެސް އައީ ހަމަ އެއްޖަވާބެއް ކަމަށް އަސަރާއެކު އޭނާ ބުންޏެވެ.

"އެއީ ވަރަށް ހިތްވަރުގަދަ މީހެެއް. ބަލީގައި އެ ހޭދަކުރި ތިން މަސް ދުވަހުގެތެރޭގައި އެއްވެސްވަރަކަށް ހިތްވަރު އަދި އުންމީދުވެސް ދޫކޮށް ނުލާ. ގިނަވަގުތުތަކުގައި އަޅުކަންކުރުމާއި ދުއާކުރުމުގައި ހޭދަކުރި. އެއްވެސް ވަރަކަށް ބަލީގެ ސަބަބުން ހާސްވެ ހިތާމަކޮށެއް ނޫޅޭ. އަލީމަކީ މިހުންނަށް ވަރަށް ހެޔޮ މީހެއް. އެހެންވެ އޭނާގެ އާއިލާގެ ގިނަބަޔަކާއި އަދި ރައްޓެހިންވެސް އަލީމްގެ ހާލުބަލަން އޮސްޓްރޭލިއާއަށް އައި. އަދި އެއެންމެން އަލީމްގެ ޖަނާޒާގައިވެސް ބައިވެރިވި." އޭނާ ކިޔައިދިނެވެ.

ނަބީލާ ބުނީ އަލީމް އާއި އޭނާއާ ދިމާވުމުގެ ކުރިން އޭނާއަކީ ކެންސަރު ބަލި ތަހައްމަލް ކުރަމުން އަންނަ މީހުންނާއި އަދި ބައްޔާ ބެހޭ ގޮތުން މީހުންނަށް މައުލޫމާތު ދޭން މަސައްކަތް ކުރި މީހެއް ކަމަށެވެ. އޭނާ އަކީ ނަރުހަކަށް ވުމުން ބަލީގެ ޝިކާރައަކަށް ވެފައިތިބި މީހުންގެ ހާލަތު ވަރަށް ގާތުން އޭނާއަށް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގެ ވޭން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އޭނާއަކީ އެމީހުންގެ ހައްގުގައި ބޯވެސް ބޭލި މީހެއް ކަމަށް ބުންޏެވެ.

"މީހުން އަހާނެ ކީއްވެހޭ އޭރު ކެންސަރުގެ ކަންކަމުގެ އުޅެނީ. އެކަމަކު އަލީމް މި ބައްޔަށް ޑައެގްނޯސް ވުމުގެ ކުރިން އެއަށް ދޭނެ ޖަވާބެއް ނެތް. ޕާސަނަލީ ކެންސަރު ތަހައްމަލެއް ނުކުރަން. އެކަމަކު ކެންސަރު ޖެހިފަ ތިބި އެތައް ބަޔަކާ ޕްރޮފެޝަނަލް ކެރިއާގަ ދިމާވި. އެތައް ބަޔަކަށް ބޭސްދީ އެމީހުންނަށް ހިދުމަތްކުރިން." އަލީމް ފައުންޑޭޝަން ނަމުގައި ފޭސްބުކުގައި އޭނާ ހިންގާ ޕޭޖުގައި ލިޔެފައިވެ އެވެ.

އުމުރުން 18 އަހަރުން ދަށުގެ ދެކުދިން ތިބި އަލީމްގެ އަނބިމީހާ އަކީ އައްޑޫސިޓީ ހިތަދު އަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް މިހާރު އޭނާ އަކީ އޮސްޓްރޭލިއާގެ ރަށްވެސެއްކެވެ. އޭނާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ އަލީމް ފައުންޑޭޝަންގެ ނަމުގައި ފައުންޑޭޝަނެއް ހުޅުވައިގެން މިސްކިތެއް ބިނާކުރުމުގެ މަސައްކަތެވެ. އޭނާ މައުލޫމާތުދޭ ގޮތުގައި އެ ޕްރޮޖެކްޓަށް 1.5 މިލިއަނާއި ދެ މިލިއަން އޮސްޓްރޭލިއަން ޑޮލަރުގެ އަގެއް ހަރަދުވާނެއެވެ.

އަލީމްގެ އަންހެނުންނާއި އާއިލާ އަދި ރައްޓެހިންނާއި އޭނާ ދަންނަ އެންމެންވެސް ދެކޭ ގޮތުގައި އެއީ ހުލްގު ހެޔޮ މާތް މީހެކެވެ. އޭނާ އާހިރަތުގެ ހަޔާތް ބާއްޖަވެރިކުރަން އެދަތުރަށް އޭނާ ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.

އަލީމަކީ ވަފާތެރި އަދި އެހީތެރި ފިރިއެކެއެވެ. ސޯލިހު ދަރިއެކެވެ. ޒިންމާދާރު ބައްޕައެކެއެވެ. އާއިލާއާ ދުރުގައި ހުރި ނަމަވެސް އަބަދުމެ އާއިލާގެ ހާލު ބަލާ އޯގާތެރި މީހެކެވެ. އެއްބަނޑު މީހަކަށް ލިބޭނެ އެންމެ ރަނގަޅު ބޭބެ އެވެ. ހެޔޮ ރައްޓެއްސެކެވެ. އަދި ގައުމީ ދަރިއެކެވެ.

މީގެ އިތުރުން މަގުމަތީގައި ދިރިއުޅޭ ގެދޮރު ނުހުންނަ މީހުންނަށް ކާއެއްޗެތި ދިނުމަކީވެސް ޢަލީމް ވަރަށް އިސްކަމެއްދިން ކަމެއް ކަމަށް ނަބީލާ ބުންޏެވެ.

މިއީ ނަބީލާ އަށް އަލީމްގެ ފަރާތުން ދަސްވި ބައެއް ކަންކަމެވެ. އަލީމް ފައުންޑޭޝަންގެ އެންމެ ފުރަތަމަ އަމާޒަކީ އޮސްޓްރޭލިއާ ޕާރތުގައި "މަސްޖިދުލް އަލީމް" ގެ ނަމުގައި މިސްކިތެއް ބިނާކުރުން ކަމަށް ނަބީލާ ބުންޏެވެ. މި މިސްކިތުގެ ބިމުގައި ބޯހިޔާވަހިކަމެއްނެތި ހާލުގައިޖެހިފައިވާ މީހުންނަށް ކައްކައި ކާންދޭނެ ބަދިގެއެއްވެސް ބިނާކުރާނެ ކަމަށް ނަބީލާ ބުންޏެވެ.

ޕާރތުގައި މިފަދަ މިސްކިތެއް ބިނާކުރަން ނިންމީ ކީއްވެގެންތޯ ސުވާލުކުރުމުން ނަބީލާ ބުނީ އަލީމަކީ ޕާރތުގައި ދިރިއުޅޭ މުސްލިމުންނާއި ގާތް ގުޅުމެއް ބޭއްވި އަދި ދީނީ ކަންތައްތަކުގައި އިސްނަގައި އެތާނގައި މަސައްކަތްކުރެއްވި މީހެއްކަމަށެއެވެ. އަދި އެތާގެ މުސްލިމް އާބާދީ އަށް ބަލާއިރު ނިސްބަތުން މިސްކިތްތައްމަދު ކަމަށާއި އެހެން ކަމުން "މަސްޖިދުލް އަލީމްގެ' ނަމުގައި ހަދާ މިސްކިތަށް އެހީތެރިވާ ފަރާތްތަކަށް އޭގެސަބަބުން މިދުނިޔެއާއި އާހިރުގައި ލިބޭނެ މަންފާ ބޮޑުވާނެކަމަށެވެ.

އަލީމް ފައުންޑޭޝަންގެ ފަރާތުން ފުރަތަމަ ބީނާކުރާ މިސްކިތް ޕާރތުގައި ބިނާކޮށް ނިންމުމަށްފަހު ކުރިޔަށް އޮތް ތާނގައި ދިވެހިރާއްޖޭގައި މިކަހަލަ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގެ ހިޔާލު ގެންގުޅޭކަމަށް ވެސް ނަބީލާ އާއި އަލީމްގެ އާއިލާއިން ބުންޏެވެ.

"އަލީމް މަގުމަތިން އަންނައިރު އޭނާއާ ދިމާލަށް މީހަކު އަތްދިއްކޮށްފިއްޔާ އެމީހަކު ދެރަކޮށްފަ ހުސްއަތާ ފޮނުވައެއް ނުލާނެ. މަގުމަތިން އަންނައިރު ސަލާންޖަހަން ތިބޭ މީހުންނަށް ކާއެއްޗިހި ގަނެދޭނެ. ފައިސާވެސް ދޭނެ. އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ޕާރތުގައި މަސްޖިދު އަލް އަލީމްގެ ނަމުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އެންމެ އަވަހަށް ފަށަން ބޭނުންވަނީ. އެކަމަށް ފަންޑު މި ހޯދަނީ. އަޅުގަނޑު އެދެން ހުރިހާ މީހުންވެސް މިކަމަށް އެހީތެރިވެދިނުން. މިސްކިތެއް ބިނާކުރުމަށް ދެވޭ ސަދަގާތަކީ މުޅި އުމުރަށްވެސް އާހިރަތުގައިވެސް ދެމިގެންވާނެ ހެޔޮ ކަމެއް." އޭނާ ބުންޏެވެ.

މިސްކިތްތައް ބިނާކުރުމަށް އަލީމް ފައުންޑޭޝަނަށް އެހީވުމަށް: https://www.gofundme.com/f/aleem-foundation?utm_source=facebook&utm_medium=social&utm_campaign=p_cp+share-sheet