Close
ޚަބަރު

ކެރީގެ އަސަރު ކުރިނަމަވެސް މިއަދުން ފެށިގެން މޫސުން ރަނގަޅުވާނެ، ކަނޑުތައްވެސް މަޑުވާނެ: މެޓް އޮފީސް

ރިފާ ހަލީލު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މިއަދުން ފެށިގެން އަލިވަމުންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރައިގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު އުދައިގެ އަސަރުވެސް ބައެއް ރަށްތަކަށް ވަނީ ކޮށްފަ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިއަދުން ފެށިގެން މޫސުން ރަނގަޅުވަމުންދާނެ ކަމަށެވެ. އެހެން ނަމަވެސް ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ މިވަގުތު އެއްވެސް ސަރަހައްދަކަށް އެލާޓެއް ނެރެފައި ނެތް ކަމަށާއި ކަނޑުތައްވެސް މަޑުވާނެ ކަމަށެވެ.

"ބައެއް ރަށްތަކަށް ކެރީގެ އަސަރު ކޮށްފާނެ. ބޯކޮށް ވާރޭ ނުވެހޭނެ. ކަނޑުތައްވެސް ގަދަވާނީ އާދައިގެ ވަރަކަށް. ކަނޑުތައް ދެން މަޑުވަމުން ދާނީ. ވައި ކޮންމެވެސް ވަރަކަށް ޖެހޭނެ. އެކަމަކު އެހާ ގަދަޔަށް ނޫން. މިއަދުން ފެށިގެން މުޅި ރާއްޖެއަށްވެސް މޫސުން ރަނގަޅުވާނެ ދެން." އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިއަދު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާ އެކު ގުގުރާނެ ކަމަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނީ މިމަހުގެ ކުރީކޮޅުގަ އެވެ.