ޔޫއެފާ ޔޫރޮޕާ ލީގު 2022 ގެ ޗެމްޕިއަންކަން ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓުން ހޯދަފިއެވެ.
ސްޕެއިނުގެ އެސްޓަޑިއޯ ސަންޗޭޒް ޕިޒްޖުއާން ސްޓޭޑިއަމްގައި ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލް ފްރޭންކްފާޓުން ކާމިޔާބުކުރީ ޕެނަލްޓީގައި 5-4 އިން ރޭންޖާސް ބަލިކޮށްގެންނެވެ. ރޭންޖާސްއަށް ހިތްދަތިކަން ލިބުނީ ސީދާ ޕެނަލްޓީއަށް މެޗަށް ނުކުތް އާރޮން ރެމްސީގެ ޕެނަލްޓީ ނާކާމިޔާބު ވެގެންނެވެ.
ރޭގެ ތަށްޓަކީ 1980 ވަނަ އަހަރު ހޯދި ޔުއެފާ ކަޕަށް ފަހު ފްރޭންކްފާޓަށް ޔޫރަޕްގައި ލިބުނު ފުރަތަމަ ކާމިޔާބެވެ.
ރޭގެ ފައިނަލް މެޗު ޕެނަލްޓީއަށް ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނި ދިޔަ ނަމަވެސް ފްރޭންކްފާޓުގެ ހަމަލާތައް ގިނަކޮށް ފާހަގަކޮށްލެވުނެވެ. ފުރަތަމަ ހާފުގައި ފްރޭންކްފާޓުން ރަނގަޅަށް ކުޅުނު ނަމަވެސް، މެޗުގެ 57 ވަނަ މިނެޓުގައި ލީޑު ނެގީ ރޭންޖާސް އިންނެވެ. ފްރޭންކްފާޓްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ރޭންޖާސްގެ ޖޯ އަރީބޯ ގޯލު ޖެހި އިރު، މެޗުގެ 69 ވަނަ މިނިޓްގައި ފްރޭންކްފާޓުން ނަތީޖާ ހަމަހަމަ ކުރިއެވެ. ފިލިޕް ކޮސްޓިޗް ދިން ބޯޅަ އަކުން އެ ގޯލު ޖެހީ ރަފައެލް ސަންޓޯސް ބޯރޭއެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގައި ގޯލެއް ޖެހޭތޯ ދެ ޓީމުން ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީގައި ފްރޭންކްފާޓުން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ކްރިސްޓޮފާ ލެންޒް، އަޖްޑިން ރުސްޓިޗް، ޑައީޗީ ކަމާޑާ، ކޮސްޓިޗް އަދި ބޯރޭ އެވެ. ރޭންޖާސްގެ ޖޭމްސް ޓަވޭނިއާ، ސްޓީވެން ޑޭވިސް، ސްކޮޓް އާފީލްޑް، ކެމާ ރޫފް ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް ރަމްސޭ ޖެހި ޕެނަލްޓީ ފްރޭންކްފާޓް ކީޕަރު ކެވިން ޓްރަޕް ވަނީ މަތަކޮށްފައެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު