ޚަބަރު

ގަލޮޅު ސްކޫލުގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރިވިއުކޮށްދޭން އާއިލާގެ ފަރާތުން އެދިއްޖެ

ގަލޮޅު ސްކޫލުގައި ކިޔަވަމުން އައި އުމުރުން ހަތަރު އަހަރުގެ އަންހެންކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރިވިއުކޮށްދޭން އެކުއްޖާގެ އާއިލާގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުގެ ކިބައިން އެދިއްޖެއެވެ.

ގަލޮޅު ސްކޫލުގައި އަންހެންކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކި ނެތުމުން ޕީޖީން ވަނީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފައެވެ. އެހެންވެ ފުލުހުން ވަނީ އެ މައްސަލަ ފައިލް ކޮށްފިއެވެ.

ގަލޮޅު ސްކޫލުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ސްކޫލުގެ މަސައްކަތު މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް ފަހުން އެމީހާ ވަނީ ދޫކޮށްލައިފައެވެ.

އެކަމާ ގުޅިގެން އެކުއްޖާގެ އާއިލާގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ހާދިސާއާ ގުޅިގެން ވަކި މީހަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ހޯދިފައި ނެތުމަކީ ސްކޫލުގައި ކުއްޖާއަށް އަނިޔާ ނުލިބޭ ކަމަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި އެކަމުން ދެހަވަނީ ޖިނާއީ ދައުވާއެއް ސާބިތުކުރެވޭނެ މިންވަރަށް ހެކި ލިބިފައި ނުވުން ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް މި ހާދިސާގައި ނެތްކަން ނުވަތަ ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ ޝާމިލުވުމެއް މި ހާދިސާގައި ނެތް ކަން ދަލީލުކޮށްދޭ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.

"ޖިނާއީ ދައުވާއެއް ކުރެވޭނެ މިންވަރަށް ހެކި ހޯދިފައިނުވަނީ ކީއްވެގެން ކަން ނުވަތަ ޖިނާއީ ދައުވާއެއް ނުކުރުމަށް ނިންމައިފައިވަނީ ކޮން ހެއްކެއް މަދުވެގެން ކަން އެއްވެސް ފަރާތަކުން ކުއްޖާގެ މައިންބަފައިންނަށް އަންގައިފައެއް ނުވޭ. ހަމަ މިއާއެކު ޖިނާއީ ދައުވާއެއް ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭތީ، އެ ނިންމުން ރިވިއުކޮށްދިނުމަށް ކުއްޖާގެ މައިންބަފައިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ކިބައިން އެދިފަ،" ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ މި މައްސަލައިގައި އަނިޔާ ލިބިފައިވާ ކުއްޖާ އާއި އެ ކުއްޖާގެ ބެލެނިވެރިންނަށް ސްކޫލުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިނުވާ ކަމަށާއި މިއަދާ ހަމައަށް ވެސް ސްކޫލުން ކުއްޖާގެ މައިންބަފައިންނާ ބައްދަލުކޮށް ނުވަތަ ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް ދީފައިނުވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނީ މިއީ އެތައް ކުދިންތަކެއްގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް ސްކޫލުގެ މުވައްޒަފަކާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް ގަލޮޅު ސްކޫލުން ބުނުމަކީ އެ މުވައްޒަފުން ސްކޫލުގެ މާހައުލަށް ނެރެ މިފަދަ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު ބޮޑުވުން ކަމެކެވެ. އަދި މި ހާދިސާއާ ގުޅިގެން ކުއްޖާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އަނިޔާ ލިބިފައިވާ ކަމަށާއި މި ހާދިސާއާ ގުޅިގެން ކުއްޖާއަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކަށް ފަރުވާ ހޯދާފައިވާ ކަމަށް ބަޔާނުގައިވެއެވެ.