ޚަބަރު

ހައްޖަށް ގެންދިޔުމުގައި ހިޔާނާތްތެރިވެއްޖެ ނަމަ ފަސް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ!

ހައްޖަށް ގެންދިޔުމަށް އެދި ފައިސާ ދެއްކި މީހުންގެ ނުވަތަ މީހެއްގެ އަތުން ނަގާ ފައިސާއަށް ހިޔާނާތްތެރިވެއްޖެ ނަމަ ފަސް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އުސޫލަށް އިސްލާހު ގެނެސް މިއަދު އަމަލުކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ގެޒެޓްކުރި އުސޫލުގައި ވަނީ ހައްޖަށް މީހުން ގެންދިއުމުގައި އުސޫލުތަކާ ހިލާފުވެއްޖެނަމަ، ޖޫރިމަނާ ކުރެވޭނެ ތިން ގޮތެއް ހިމަނައިފައެވެ. އެއީ:

 • ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން ފުރިހަމަކުރަންޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފިނަމަ، 5000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
 • ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގައިފިނަމަ، ނުވަތަ އުސޫލުގައި ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، ނުވަތަ އުސޫލުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، ނުވަތަ ހައްޖުވެރިޔާއަށް ދޭންޖެހޭނެ ކަމަށް އުސޫލާއި ހައްޖުވެރިޔާއާ ދެމެދު ވެވޭ އެގްރީމެންޓާއި ހައްޖުގެ ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯސަލް ފޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ފުރިހަމަކޮށް ނުދީފިނަމަ، 30،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
 • ހައްޖަށް ގެންދިޔަ އެއްވެސް މީހަކަށް ކުންފުނީގެ އިހުމާލުން ހައްޖުގެ އަޅުކަން އަދާނުކުރެވިއްޖެނަމަ ނުވަތަ ހައްޖަށް ގެންދިޔުމަށް އެދި ފައިސާ ދެއްކި މީހުންގެ ނުވަތަ މީހެއްގެ އަތުން ނަގާ ފައިސާއަށް ހިޔާނާތްތެރިވެއްޖެނަމަ 75،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން

އުސޫލުގެ ދަށުން ކޮށްގެން ނުވާނެ ބައެއް ކަންކަން

 • މިނިސްޓްރީން ހުއްދަ ލިބިގެން ނޫނީ އެއްވެސް ކުންފުންޏަކުން ހައްޖަށް މީހުން ގެންދިޔުމުގެ އެއްވެސް މުއާމަލާތެއް ނުކުރުން.
 • ރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަވާލުގައި ހައްޖަށް ގެންދާ މީހުން ސައުދީ އަރަބިއްޔާގެ ދާހިލީ އެއްވެސް ހަރަކާތެއްގައި ނުވަތަ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި އެފަދަ ކަމަކަށް ވާގިދޭފަދަ އަމަލެއް ނުކުރުން.
 • އެއް ކޮޓަރިއެއްގައި މީހުން ބޭތިއްބުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ކަނޑައަޅައިފައިވާ މިންވަރަށް ވުރެ އިތުރަށް، އެއް ކޮޓަރިއެއްގައި މީހުން ބައިތިއްބައިގެން ނުވާނެ.
 • އުމުރުން 45 އަހަރު ހަމަނުވާ އަންހެނުން މަހުރަމަކާ ނުލައި ހައްޖަށް ގެންގޮސްގެން ނުވާނެ. އަދި އުމުރުން 18 އަހަރު ނުވާ ފިރިހެން ކުދިން ބެލެނިވެރިޔަކާ ނުލައި ހައްޖަށް ނުގެންދިޔުން.
 • ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ނުވަތަ ސިއްހީގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުޅަދާނަވެގެން ނުވާ ކަމަށް ކުންފުންޏަށް ފެންނަ ފަރާތެއްނަމަ، އެ ފަރާތަކަށް ހައްޖުގެ އަޅުކަން (އެހީތެރިޔަކާއެކު ނަމަވެސް) އަދާކުރެވޭނެކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމަކާ އެކީގައި ނޫނީ ހައްޖަށް ނުގެންދިޔުން.
 • ރާއްޖޭގައި ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ދީފައިނުވާ ފަރާތެއް ލައްވައި ދީނީ ނަސޭހަތްދިނުމާއި ދީނީ ނަސޭހަތްދިނުމުގައި އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭގޮތަށް އަމަލު ނުކުރުން.
 • ހައްޖަށް ގެންދިޔުމަށް މީހުންގެ އަތުން ނަގާ ފައިސާ، ހައްޖުގެ ހިދުމަތްތައް ހަމަޖައްސައިނުދީ އެހެން ކަމަކަށް ބޭނުން ނުކުރުން.
 • ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ނުވަތަ ދިވެހި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ ފަރާތެއް ހޯދުމަށް ނުވަތަ ވަކި އިދާރާއަކަށް ވަކި ދުވަހަކަށް ހާޒިރުވުމަށް އަމުރުކޮށްފައިވާ ފަރާތެއްނަމަ، އެ އިދާރާއެއްގެ ހުއްދަ ލިޔުމަކުން ނެތި ހައްޖަށް ނުގެންދިއުން.
 • ރާއްޖެއަށް ލިބިފައިވާ ކޯޓާގެ ދަށުން މިނިސްޓްރީގެ ހުއްދަ ނެތި ބިދޭސީން ހައްޖަށް ނުގެންދިޔުން.

މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިއުމާ ގުޅޭ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމަށް، އިސްލާމިކް މިނިސްޓްރީގެ ދަށުން "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް" ގެ ނަމުގައި އާ އޮފީހެއް ހަދަން ވެސް ނިންމާފައިވެއެވެ.

އެގޮތުން ރާއްޖެއިން ހައްޖަށްދާ މީހުންނާއި އެ މީހުން ހައްޖަށް ގެންދާ ކުންފުނިތައް ސައުދީ އަރަބިއްޔާގައި އުޅޭ ދުވަސްވަރު މައްކާ އާއި މަދީނާގައި މިނިސްޓްރީން ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ކުރުމަށް "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް (މަކްތަބް ޝުއޫނި ހުއްޖާޖިލް މާލްދީފް)" ގާއިމުކޮށް، އެ އޮފީހުގައި ހިދުމަތްދޭނެ ފަރާތްތައް ކަނޑައަޅާނެއެވެ. އަދި ހިދުމަތް ދެވޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ހައްޖު މޫސުމުގައި ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ވުޒާރަތުލް ހައްޖު ވަލް އުމްރާ އާއި އެ ގައުމުގެ ރަސްމީ އެހެން އިދާރާތަކާ ގުޅިގެން ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހަމަހަމަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ހައްޖު މިޝަން ގާއިމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ހައްޖު މިޝަނަށް ބޭނުންވާ ފާސްތައް ހެއްދުންވެސް ހިމެނެއެވެ.

ހައްޖުވުމަށްޓަކައި ސައުދީ އަރަބިއްޔާއަށްދާ ދިވެހިންނަށް ދިމާވާ މައްސަލަތަކާ ގުޅިގެން ދޭންޖެހޭ އިރުޝާދު ދިނުމާއި އެހީތެރިވުންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް އެދި ކުންފުނިތަކުގެ ފަރާތުން ހުށަހަޅައިފައިވާ ޕްރޮޕޯސަލްގައި ހައްޖަށްދާ މީހުންނަށް ދޭން ކަނޑައަޅައިފައިވާ ހިދުމަތްތައް ފޯރުކޮށްދޭތޯ ބެލުންވެސް ހިމެނެއެވެ.

މީގެ އިތުރުން ހައްޖުގެ މަނާސިކުތައް، ހައްޖުވާން ގޮސް ތިބި މީހުންނަށް ފުރިހަމަކޮށްދޭތޯ ބެލުމާއި ހައްޖުވާން ގޮސް ހުރި މީހަކު ގެއްލުން ނުވަތަ ބަލިވުން ނުވަތަ މަރުވުން ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަމާ ގުޅިގެން ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.