ޕީއެސްޖީ

އެލްޖީބީޓީ ޕްރޮމޯޓު ކުރުމަށް ޕީއެސްޖީން ފަރުމާކުރި ޖާޒީގައި ނުކުޅެ، ގޭއި ދެއްކީ ހިތްވަރު!

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ރޭ މޮންޓްޕެލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރި ޖާޒީއަކީ އެލްޖީބީޓީކިއު ޕްރޮމޯޓުކުރުމަށް ފަރުމާކޮށްފައިވާ ޖާޒީއެއް ކަމަށްވުމުން، އެ ޖާޒީ ލައިގެން މެޗު ނުކުޅެން ސެނެގާލްގެ އިދްރީސާ ގާނާ ގޭއި ނިންމި ނިންމުމަށް އެގައުމުގެ ރައީސް ތައުރީފު ކުރައްވައިފިއެވެ.

ވިއްސާރަ ދުނީގައި ހިމެނޭ "ރެއިންބޯ ކަލާސް" އިން ނަންބަރުތައް ޖަހައިފައިވާ ޖާޒީއެއް ލައިގެން ރޭ ޕީއެސްޖީން ކުޅުނު އިރު، އެ ޖާޒީއަކީ އެއް ޖިންސުން ގުޅުން ހިންގުމަށް ބާރުދޭ އެލްޖީބީޓީކިއުއަށް ހިތްވަރު ދޭން ތައްޔާރުކުރި ހާއްސަ ޖާޒީއެކެވެ. އުމުރުން 32 އަހަރުގެ ގޭއި ރޭގެ މެޗުގައި ކުޅެފައި ނުވާ އިރު، ކުރިން އެސްޓަން ވިލާއާއި އެވަޓަންއަށް ކުޅުނު ގޭއި މެޗު ނުކުޅުނީ އެ ޖާޒީ ނުލުމަށް ކަމަށް ނޫސްތަކުން ވަނީ ޔަގީންކޮށްދީފައެވެ.

ރޭގެ މެޗުން ޕީއެސްޖީން 4-0 އިން މޮޅުވެފައިވާ އިރު، އެ މެޗަށްފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ގެއީ މެޗު ނުކުޅުނީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ.

ގެއީގެ އެ ނިންމުމަށް ތައުރީފުކޮށް ސެނެގާލްގެ ރައީސް މެކީ ސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ގެއީގެ ދީނީ ގަބޫލުކުރުންތަކަށް އިހުތިރާމުކުރަން ޕީއެސްޖީއަށް ޖެހޭ" ކަމަށެވެ. އޭގެ އިތުރުން ސެނެގާލްގެ ކުޅިވަރާ ބެހޭ ވަޒީރު، މަޓާ ބާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެގައުމުގެ ހުރިހާ ރައްޔިތުންވެސް ތިބީ ގެއީއާ އެކުގައި ކަމަށެވެ. ބާގެ ޓުވީޓުގައި ގެއީ މައްކާގައި ހުރެ ނަގާފައިވާ ފޮޓޯއެއް ހިމަނާފައިވެސް ވެއެވެ.

ގެއީގެ އެ ނިންމުމަށް ކްރިސްޓަލް ޕެލެސްގެ މުސްލިމް ކުޅުންތެރިއެއް ކަމަށްވާ ޗެކޫ ކަޔޯޓޭއާއި ވޮޓްފޯޑުގެ މުސްލިމް ކުޅުންތެރިއެއް ކަމަށްވާ އިސްމާއިލާ ސާ ވެސް ވަނީ ތަރުހީބު ދީފައެވެ. އެ ދެ ކުޅުންތެރިނަކީވެސް ގެއީއާއެކު ސެނެގާލް ގައުމީ ޓީމަށް ކުޅޭ ދެ ކުޅުންތެރިންނެވެ.

ގިނަ އަދަދެއްގެ މުސްލިމް އާބާދީއެއް އޮންނަ ސެނެގާލްގައި އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނީ ގޮތުން އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. އެ ގައުމުގައި އެފަދަ ކަންކަމަށް ހިތްވަރު ދީގެން ފަސް އަހަރަށް ޖަލަށް ލުމުގެ އަދަބެއްވެސް ވަނީ ކަނޑައެޅިފައެވެ.