ޚަބަރު

އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފާނެތީ މަޖިލިސް ކުރިއަށްގެންދަން ނަޝީދު ޖެހިލުންވޭ: އިދިކޮޅު

އިބްރާހިމް ޒަކީ

މިދިޔަ ހޮނިހިރު ދުވަހު ނިމިގެންދިޔަ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަށްފަހު، އެމްޑީޕީން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިފާނެތީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެހިލުންވެވަޑައިގެންފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އިދިކޮޅު ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް ހުއްޓައި މަސައްކަތެއް ނެތްކަމަށް ބުނެ މަޖިލިސް ޖަލްސާތައް ނިންމާލަމުންދާ ކަމަށެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ބާއްވަން ފަށާފައިވާ އިރު، މިއަދާ ހަމައަށް ބޭއްވި ތިން ޖަލްސާގައިވެސް ވަޒީރުންނާ ސުވާލުކުރުމަށްފަހު، ކުރިއަށްގެންދާނެ އިތުރު މަސައްކަތެއް ނެތްކަަމަށް ބުނެ މަޖިލިސް ޖަލްސާތައް ވަނީ ނިންމާލައިފައެވެ.

ޝަރީފް ވިދާޅުވީ، ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް މަޖިލީހުގައި ހުރި އިރު، އަދި ވެރިކަން ހިންގާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން ވައުދުވީ ކަންތައްތަކެއް ނުނިންމައި ހުއްޓައި ސަރުކާރުން ނުފޫޒު ފޯރުވައިގެން މަޖިލިސް ހިސޯރު ކޮށްފައިވާ ކަމަށެވެ.

އެކަމަކީ، އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ އަޑު ކަނޑުވައިލުމަށް ޑިމޮކްރަސީގެ ރީތި ހަމަތަކާ ހިލާފަށް ސަރުކާރުން ކުރިއަށްގެންދާ ޒިންމާދާރުކަން ކުޑަ ހުތުރު އަމަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުގެ ރިޔާސަތުގައި މިހާރު އޮތް ރައްޔިތުންގެ މަޖިލިސް ފެށި އިރު، ރައްޔިތުންނަށް ޖަވާބުދާރީވެ، ސަރުކާރު ޖަވާބުދާރީ ކުރުވައި، ގާނޫނުއަސާސީން ލާޒިމުކުރާ ކަންތައްތައް ފުރިހަމަކުރުމަށް މަޖިލިސް ރައީސް މަގުފަހިކޮށްދެއްވި ކަމަށެވެ. އެގޮތުން އިދިކޮޅަށް މަޖިލީހުގައި އެމަނިކުފާނު ފުރުސަތުތަކެއް ފަހިކޮށްދެއްވި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެހިސާބުން ފެށިގެން ތަފާތު ގޮންޖެހުންތައް ކުރިމަތިވެ، ރައީސް ނަޝިދު އަވަހާރަކޮށްލުމަށް ނުރައްކާތެރި އުދުވާނީ ހަމަލާއެއް ދެވި، މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަށްފަހު، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަޖިލިސް ރައީސްކަމުން އެމަނިކުފާނު ބޭރުކޮށްފާނެތީ ރައީސް ނަޝީދު ޖެހިލުންވެވަޑައިގެންފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ އިދިކޮޅުން ކަންތައް ކުރާނީ، ވަގުތުގެ ހާލަތަށް ބަލައި މުޅި ގައުމަށް އެންމެ ރަނގަޅު ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ކާމިޔާބު ކުރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހުގެ ފެކްޝަނުން ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އެ އިންތިހާބުގައި މަޖިލިސް ރައީސްގެ ފެކްޝަނުން ވާދަކުރެއްވި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.