މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ ހެރޮއިންގެ މައްސަލައިގައި ދައުވާކުރާ މީހުންގެ މައްޗަށް މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ގާޒީ ފުރުސަތު ނުދެއްވަނީސް، ވާހަކަދެއްކުމުން ޝަރީއަތުގެ މަޖިލީހަކީ ކޮފީ މޭޒެއް ނޫން ކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
މިއަދުގެ އަޑުއެހުމުުގައި އޮތީ އެ މައްސަލައިގައި ހިމެނޭ މީހުންނަށް މައްސަލައިގެ ދައުވާ އިއްވުމާއި އެއަށް ޖަވާބުދާރީވުމެވެ.
މިއަދު ކުރިއަށްދިޔައީ ރާއްޖެ އެތެރެކޮށް، ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓައި ހޯދި، 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ޖުމުލަ ދިހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ތެރެއިން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލި މީހުންގެ އަޑުއެހުމެކެވެ.
- ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު
- ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބު
- ކ. މާފުށި، ސްވީޓްމީޑް، އަހުމަދު މާހިރު
- ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ ޑީއެމް މޮބިން
- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ
- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު
- ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ އެމް.ޑީ ރަފީގުލް އިސްލާމް
- ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން
- ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް
- މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަހުމަދު ސިރުޙާން ޝަމީމް
- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ
- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު
- ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް
މި އަޑުއެހުމުގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ޒައިދު ހަބީބު ބައިވެރިއެއް ނުވެއެވެ. އަދި މުހައްމަދު އަހުމަދު އޮންލައިންކޮށް ބައިވެރިވި ނަމަވެސް، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އޭނާގެ ބައިވެސް ކުރިއަކަށް ނުގެންދެވުނެވެ. ދެން ތިބި މީހުންނަށް މިއަދު ދައުވާ އިއްވިއެވެ.
މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި މުހައްމަދު ހުސައިން ބުނީ، އިސްލާމް ދީނަކީ ނަފްސުގެ އިއްޒަތްތެރިކަމަށް އިސްކަންދޭ ދީނެއް ކަމަށެވެ. އަދި ދީނުގައި ބުނާ ހައްދުތަކާ ގުޅޭގޮތުން ވާހަކަ ދައްކަންފެށިއެވެ. ނަމަވެސް ގާޒީ އެކަން ހުއްޓުވައި، ހަމައެކަނި ދައުވާއަށް ޖަވާބުދާރީވުމުގެ ގޮތުން، ދައުވާއަށް އިންކާރުކުރޭތޯ ނުވަތަ ނޫންތޯ ބުނުމަށް އެންގެވިއެވެ.
އެއާއެކު ޖުމާން މުސްތަފާ ވާހަކަދައްކަން ފެށިއެވެ. އެ ހިސާބުން ގާޒީ ދީބާނާޒް ފަހުމީ އޭނާގެ ވާހަކަ ހުއްޓުވިއެވެ.
އެއަށްފަހު ގާޒީ ވިދާޅުވީ ޝަރީއަތް ކުރިއަށްދަނީ ވަކި އަދަބެއްގެ ތެރެއިން ކަމަށެވެ. ފުރުސަތު ދެއްވުމުން ވާހަކަދަންކަން ހަނދާންކޮށްދިނުމަށްފަހު، ޝަރީއަތުގެ މަޖިލީހަކީ ކޮފީ މޭޒެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާ އުފުލި އެންމެން ވަނީ ދައުވާއަށް އިންކާރުކޮށްފައެެވެ. އެކަމާ ގުޅިގެން ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅައިފައެވެ.
އެއަށްފަހު، ދައުވާ ރައްދުވާ ފަރާތްތަކަށް ގާޒީ ހެކި ހުށަހެޅުއްވުމަށް މުއްދަތު ދެއްވުމަށްފަހު، އޯގަސްޓް މަހުގެ ތިންވަނަ ދުވަހު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވަން ނިންމެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު