ރާއްޖޭގައި އިލެކްޓްރިކް ވެހިކަލް އެސެމްބަލްކޮށް ވިއްކުމަށް ގެންގުޅުނު ވިސްނުން ދޫކޮށްލާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އެ މަޝްރޫއު އިއުލާންކުރީ ސްޓެލްކޯ "ސްޓެވޯ" ވޯކްޝޮޕް ހުޅުވުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ރަސްމިއްޔާތުގައި އެއިރުގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.

އޭނާ އެއިރު ވިދާޅުވީ, އިލެކްޓްރިކް ވެހިކަލްތައް އުފައްދަން ނިންމީ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓުތައް ހިންގުމަށް އިސްކަންދޭ ގައުމަކަށްވާތީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ގިނަ ކުރުމަށް ކަމަށެވެ.

ޝަރީފު, "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވިދާޅުވީ, އޭނާ މަގާމާ ހަވާލުވި އިރު, އެކަމަކީ ފެށިފައިނުވާ އަދި އިންވެސްޓެއްވެސް ކޮށްފައިނުވާ ކަމެއް ކަމަށާއި ހުރީ ހަމައެކަނި ވިސްނުންތަކެއް ކަމަށެވެ.

އަދި އެކަމަކީ ރާއްޖޭގައި މިހާރު އޮތް މާހައުލުގައި ފީސަބަލް މާކެޓަކަށް ނުވާތީ އެ ވިސްނުން ނުގެންގުޅޭ ކަމަށް ވިދާޅުވިއެވެ.

"ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން, ގްރީން އެނާޖީ ކަމުގައިވިޔަސް އެކަހަލަ މާކެޓެއް އުފެއްދިދާނެ ކަމަށް ގަބޫލެއް ނުކުރަން. ފައިނޭންޝަލް ފީސިބިލިޓީ އަދި މާކެޓިން ފީސަބިލިޓީއަށް ބަލާ އިރުވެސް, ކާމިޔާބު ވިޔަފާރިއަކަށްވާނެ ކަމަށް ގަބޫލެއް ނުކުރަން," ޝަރީފު ވިދާޅުވިއެވެ.