ޚަބަރު

ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ފޮނުވި މައްސަލައިގައި ޖުޑިޝަރީ ކޮމިޓީގެ ނިންމުން ތަފާތު!

އިބްރާހިމް ޒަކީ

ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ހަމީދާއި އަބްދުއްރައޫފް އިބްރާހިމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު، އިޖުރާއަތްތައް ފުރިހަމަ ނުވާ ކަމަށް ބުނެ އެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް ފޮނުުވައިލުމަށް މިއަދު ވަނީ ނިންމައިފައެވެ.

މީގެ ކުރިންވެސް ފަނޑިޔާރުންނާއި، މެޖިސްޓްރޭޓުުންގެ ބައެއް މައްސަލަ ޖޭއެސްސީގެ ކަމާބެހޭ ކޮމިޓީތަކުން ބެލުމަށްފަހު، މަގާމުން ވަކިކުރަން ފެންނަ ފަރާތްތައް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވެއެވެ. އެ ކަންތަކުގައި ޖޭއެސްސީން ގެންގުޅެފައިވަނީ އެއް އިޖުރާއަތްތަކެކެވެ.

އެގޮތުން ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ފާހަގަކޮށްލެވެއެވެ. އެ މައްސަލަ މަޖިލީހަށް ފޮނުވުމުން، ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭނާ މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ. އެކަމާ ގުޅިގެން 2020 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން އޭނާ މަގާމުން ވަކިކުރަން ފާސްކުރިއެވެ.

ޖޭއެސްސީން ވެސް މިއަދު "ވަން"އަށް މައުލޫމާތުދެމުން ބުނީ، ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލައިގައި އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ މީގެކުރިން ވެސް އެފަދަ މައްސަލަތަކުގައި ކޮމިޝަނުން އަމަލުކުރަމުންދާ ގޮތަށް ކަމަށެވެ. މީގެކުރިން ވެސް އެ އިޖުރާއަތުގެ ދަށުން އެ ކޮމިޝަނުން ބަލައި, ފިޔަވަޅު އަޅަން އެންގި މައްސަލަތަކުގައި އެގޮތަށް މަޖިލީހުން އަމަލުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ އިޖުރާއަތްތައްް ފުރިހަމަނުކޮށް ކަމަށް ފާހަގަކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ.

އޭނާ ވިދާޅުވީ ދެ ފަރާތުގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ ސީޣާއާ ނުގުޅޭ ގޮތުން، ފަހުން ކަންތައްތަކެއްގެ މައްޗަށް ރިއާޔަތް ކުރެވި އަދި ފަހުން ދެ ކޮމިޓީ އެކުލަވާލައި އެއް ކޮމިޓީން ވަކި ގޮތަކަށް ނިންމުމަށް ފަހު ދެވަނަ ފަަހަރަށް އެހެން ކޮމިޓީއެއް އެކުލަވާލައިގެން އަދި އެ ކޮމިޓީގެ ނިންމުން ވެސް ބަދަލުވެފައިވާތީ އެއީ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލައެއްގެ ތުހުމަތުގައި އެމީހަކާ ސުވާލުކޮށް، ޖަވާބު ދޭން ފުރުސަތު ދިނުމުން ކޮންމެ މީހަކު ވެސް ޖަވާބު ދެނީ ސީޣާގައި ހިމެނޭ ކަންތައްތަކާ ގުޅިގެން ކަމަށާއި، ފަނޑިޔާރަކު ވަކިކުރުމުގެ ކުރިން ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިޔުމުން ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މީގެ ކުރިން ޖޭއެސްސީން މަޖިލީހަށް ފޮނުވި މައްސަލަތަކުގައި ހުންނަނީ، ލިޔުމުންނާއި ހާޒިރުވެވަޑައިގެން ފަނޑިޔާރުން މައްސަލަ ބަލާ ކޮމިޓީއަށް ޖަވާބުދެއްވުމަށްފަހު ކަމާބެހޭ ރިޕޯޓު އެކުލަވާލައިފައެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލައިގައިވެސް ޖޭއެސްސީން އަމަލުކޮށްފައިވަނީ ހަމަ އެގޮތަށެވެ. ނަމަވެސް އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް އެ މައްސަލަ އަލުން ޖޭއެސްސީއަށް ފޮނުވުމަށް މެންބަރު އަލީ ހުސައިން ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. ކޮމިޓީން ވަނީ އެގޮތަށް ފާސްކޮށްފައެވެ.