ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން 2021 ވަނަ އަހަރުގެ މެއި ހައެއްގައި ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސް އެޅުއްވި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވައިބާ ގްރޫޕުގައި ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް، މެންބަރު ހުސެއިން ޝަހީމަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.
މިމަހުގެ އަށްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖުތަކެއްގައި، އެ ހަމަލާގެ ތަހުގީގަށް މެންބަރު ހުސައިން ހުރަސް އަޅަމުންދާ ކަމަށް ވަނީ ތުހުމަތުކުރައްވައިފައެވެ. އެގޮތުން އެ މައްސަލަ ތަހުގީގު ކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ޓޫފޯވަން ކޮމިޓީއަށް ހުރަސް އަޅައި އެ ކޮމިޓީގެ ބައްދަލުވުންތައް މެންބަރު ހުސެއިން ހަރާބު ކޮށްފައިވާކަމަށް ވެސް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފައިވެއެވެ.
ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ތަހުގީގަށް ހުށަހެޅުމަށް އަނދުން ހުސެިން ވަނީ ނިންމަވައިފައެވެ. އެކަމަށްޓަކައި، މެސެޖުތަކުގެ ޗެޓްލޮގް ހޯދުމަށް އަނދުން ހުސެއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ރައީސް ނަޝީދު އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ހަގީގަތް ރައްޔިތުންނަށްވެސް ހާމަވާން ޖެހޭ ކަމަށް މެންބަރު އަނދުން ހުސެއިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ މައްސަލަަ ކަމާބެހޭ އިދާރަތަކަށް ހުށަހެޅުމަށްޓަކައި އެ މެސެޖުތައް ހިމެނޭގޮތަށް، ވަޓްސްއަޕް ގްރޫޕަށް އެދުވަހު ފޮނުވި ހުރިހާ މެސެޖުތަކެއްގެ ޗެޓްލޮގް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ވެސް އަނދުން ހުސެއިން ވަނީ މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ.
އެކަމާ ގުޅިގެން އެ ޗެޓްލޮގްތައް އަނދުން ހުސެއިނަށް ދިނުމާމެދު، އާއްމު ކޮމިޓީގެ ލަފަޔަކަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެ ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ. އެކަމާބެހޭގޮތުން ވޭތުވެދިޔަ ދެ ދުވަހު ކޮމިޓީގައި މަޝްވަރާ ކުރި ނަމަވެސް ގޮތެއް ނިންމިފައެއް ނުވެއެވެ.
އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައިވެސް އެކަމަށް ގޮތެއް ކަނޑައެޅުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުމެއްވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ފާހެއް ނުވިއެވެ. ޝިޔާން ހުށަހެޅުއްވީ، ވަޓްސަޕް ގްރޫޕުގައި ދެކެވޭ ވާހަކަތަކުގެ ލިޔުން މެންބަރު ހުސެއިނަށް ދިނުމުގެ ބަދަލުގައި މައްސަލަ ތަހުގީގު ކުރާ އިދާރާއަކުން، އެދިއްޖެ ހާލަތެއްގައި އެ އިދާރާއަކަށް ލިޔުން ދިނުމަށެވެ.
މި މައްސަލައާބެހެގޮތުން ކޮމިޓީގެ މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުވުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، އަމިއްލަ ގޮތުން ވިޔަސް، ވައިބާ ގްރޫޕުގައި ރައީސް ނަޝީދު މެންބަރު ހުސެއިން ޝަހީމަށް ކުރައްވާފައިވާ ތުހުމަތުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް ކަށެވެ. އަދި ތަހުގީގީ އިދާރާއަކުން އެދުމުން އެ ޗެޓްލޮގްތައް ދޭން ޖެހޭނެކަމަށް ހުރިހާ މެންބަރުންވެސް ވާހަކަ ދައްކާ ކަމަށެވެ.
މަޖިލީހުގެ ވައިބާ ގްރޫޕަކީ ރަސްމީ އަދި ނުރަސްމީ ގްރޫޕެއް ވިޔަސް އޭގައި ލިޔުއްވާ ބޭފުޅަކު އެ ލިޔުއްވަނީ އެ ޒިންމާ ނެންގެވޭނެތީ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެ ޗެޓްލޮގްތައް މެންބަރަށް ދިނުން ކަމަށްވެސް ވިދާޅުވިއެވެ. އަދި މެންބަރު ހުސެއިން ޝަހީމް ހުށަހަޅުއްވާފައިވާ ގޮތަށް އެ ލިޔުންތައް ދިނުމަކީ، ކޮމިޓީގެ މަޝްވަރާ ކަމަށް މަޖިލިސް ރައީސަށް ހުށަހެޅުއްވުމަށް ކޮމިޓީއަށް ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދުގެ ހުށަހެޅުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވީ، މިއީ ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދެކެވިދާނެ މައްސަލައެއް ކަމަށެވެ. އެ ގްރޫޕަކީ ނުރަސްމީ ގްރޫޕަކަށްވިޔަސް އެ ގްރޫޕުގައި މަޖިލިސް މެންބަރުންނަށް އަންގަނީ ރަސްމީ މަސައްކަތްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ގްރޫޕެއްގައި ލިޔުއްވި ނަމަވެސް، އެބޭފުޅަކު ލިޔުއްވާ ލިޔުއްވުމެއްގެ ޒިންމާ އެ ބޭފުޅަކު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ ރަސްމީ ނުވަތަ ނުރަސްމީ ގްރޫޕެއް ވިޔަސް، އެއީ މަޖިލީހާ ގުޅުން ހުރި ގްރޫޕަކަށް ވާތީ އެ މެސެޖުތައް ދިނުމަކީ މާބޮޑު ކަމެއް ނޫން ކަމަށާއި، އެހެންކަމުން އެ މެސެޖުތައް މެންބަރަށް ދިނުމަށް މެންބަރު ޝާޙިދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ހުށަހެޅުން ކޮމިޓީން މިއަދު ފާސްކުރިއެވެ.
އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، މަޖިލިސް މެންބަރުން ތިބޭ ގްރޫޕުގެ އެޑްމިންގައި ތިއްބަވަނީ، މަޖިލީހުގެ އަމީން އާއްމާއި، އަމީން އާއްމުގެ ނާއިބާއި ކައުންސެލް ޖެނެރަލް ކަމަށެވެ. އެހެންކަމުން އެއީ މަޖިލީހުގެ ރަސްމީ ނޫން ގްރޫޕެއްގެ ގޮތުގައި ދެކެން ދަތި، ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއަދު ކޮމިޓީން ފާސްކުރިގޮތް މަޖިލީހުގެ ރައީސަށް ދަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.