އިތުރު މަސައްކަތެއް ނެތިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނިންމާލައިފިއެވެ.
މިއީ މިދިޔަ ބުރާސްފަތި ދުވަހު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށުނު ފަހުން ކުރާނެ މަސައްކަތެއް ނެތިގެން މަޖިލިސް ޖަލްސާ ނިންމައިލި ތިންވަނަ ދުވަހެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ، ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާ، ކުނި މެނޭޖުކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ އިތުރުން އއ.ރަސްދޫ އައިސް ޕްލާންޓެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކަށްވާއިރު، އެކަމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ގޮތާބެހޭގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ.ހުސައިން ރަޝީދު ހަސަންއާ ސުވާލު ކުރެއްވުމެވެ.
މީގެ އިތުރުން ޕެންޝަން ސްކީމާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒު މަޖިލީހަށް ހުށަހަޅުއްވާ މައްސަލަ ހުށަހެޅުންވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އެކަންތައްތައް މަޖިލީހުގައި ކުރިއަށް ގެންގޮސް ނިމުމުން، ދިހައެއްޖަހަން ކައިރިވެފައި ވަނިކޮށް މަޖިލިހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން އޭރު މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އީވާ އަބުދުﷲ ވިދާޅުވީ، މަޖިލީހުގެ މިއަދުގެ މަސައްކަތްތައް ނިމުނީ ކަމަށެވެ. ދެން މަޖިލިސް ޖަލްސާއެއް އޮންނާނީ އަންނަ ހަފުތާގައި ކަމަށްވެސް ނާއިބު ރައީސް އިއުލާން ކުރެއްވިއެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދަވަނަ ޖަލްސާ އާއި އޭގެ ކުރީދުވަހު ބޭއްވި މިދއުރުގެ އެއްވަނަ ޖަލްސާގައިވެސް، މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތަށްފަހު، ކުރާނެ މަސައްކަތެއް ނެތިގެން މަޖިލީހުގެ ޖަލްސާ ވަނީ ނިންމައިލައިފައެވެ.
މަޖިލިސް މިދިޔަ ހޯމަދުވަހު ބޭއްވި މިދައުރުގެ ފުރަތަމަ ޖަލްސާ ނިންމަވައިލައްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގައި މަސައްކަތެއް ނެތް ނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތްތައް އެބަހުރި ކަމަށެވެ.
އެގޮތުން އިގްތިސާދީ ކޮމިޓީގައި ތިން ބިލުގެ މަސައްކަތް، ޖުޑިޝަރީ ކޮމެޓީގައި ތިން ބިލުގެ މަސައްކަތް، އިޖުތިމާއީ ކޮމިޓީގައި ތިން ބިލުގެ މަސައްކަތް، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި، އެންވަޔަރަންމަންޓް ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ އާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރެ ކޮންމެ ކޮމިީއެއްގައި އެއްބިލުގެ މަސައްކަތް، މާލިއްޔަތު ކޮމިޓީގައި ދެބިލުގެ މަސައްކަތް އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި އެންވަޔަރަންކަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީ އާއި ލާމަރުކަޒީ ކޮމެޓީ ހިމެނޭ ޖޮއިންޓް ކޮމިޓީގައި ތިން ބިލު، އިޖުތިމާއީ ކޮމިޓީ އާއި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީގައި ވެސް އެއް ބިލުގެ މަސައްކަތް އެބައޮތް ކަމަށް ވިދާޅުވިއެވެ.
އެ ބިލުތައް ހިމެނޭ ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލިސް ރައީސް ވަނީ ކޮމިޓީތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް