އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ސައުތުހެމްޓަން ބަލިކޮށްފައިވާ އިރު، ލީގު ތަށި ލިބުމަކީ ވުމަށް ވުރެ، ނުވުން ގާތް ކަމެއް ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ހަފުތާގެ މެޗުތަކަށް ތައްޔާރުވެފައިވާ އިރު، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި ލިވަޕޫލު އޮތީ ޕޮއިންޓެއްގެ ފަރަގެއްގައެވެ. ރޭގެ މެޗުން ލިވަޕޫލް ސައުތުހެމްޓަން ކައިރީ 2-1 އިން މޮޅުވެފައިވާ އިރު، ސިޓީ މިވަގުތު އެއްވަނައިގައި އޮތީ 36 މެޗުން 90 ޕޮއިންޓާ އެކުގައެވެ. ލިވަޕޫލަށް 36 މެޗުން ލިބިފައި ވަނީ 89 ޕޮއިންޓެވެ.
ލީގުގެ އެންމެ ފަހު ދުވަހުގައި އެންމެފަހުގެ ޗެމްޕިއަން ސިޓީން ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. ލިވަޕޫލް ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް އޮތް ލިވަޕޫލުން ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުހިމެނެއެވެ. އެގޮތުން އަނިޔާގައި ތިބި މުހައްމަދު ސަލާހާއި ވާޖިލް ވެންޑައިކްގެ އިތުރުން ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި ތިއާގޯ އަލްކަންޓާރާ އާއި ސަޑިއޯ މާނޭ، އެލެކްސެންޑްރާ އާނޯލްޑް އަދި އެންޑީ ރޮބާޓްސަންވެސް ހިމަނައިފައެއް ނުވެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ސައުތުހެމްޓަންގެ ނެތަން ރެޑްމޮންޑް ޖަހައިދިން އިރު، ލިވަޕޫލްގެ ގޯލުތައް ފަހަތުން އަރައި ޖެހީ ޓަކޫމީ މިނަމީނޯއާއި ޖޯލް މަޓިޕެވެ. މިދިޔަ ޖެނުއަރީ މަހާ ހަމައަށް ލިވަޕޫލުން ސިޓީއާ 14 ޕޮއިންޓުގެ ފަރަގެއްގައި އޮތް ނަމަވެސް، އޭގެ ފަހުން ލިވަޕޫލް ފެނުނީ ތަފާތު ފޯމެއްގައެވެ. އެހިސާބުން ކުރި ބުރަ މަސައްކަތުން ލިވަޕޫލް މިހާރު އޮތީ ސިޓީއާ ޕޮއިންޓެއް ގާތުގައެވެ.
"ލިވަޕޫލުން އެއްވެސް އިރެއްގައި އުންމީދެއް ގެއްލުވައެއް ނުލާނެ. އެހެންވީމަ ލީގުގެ ފަހު މެޗުގެ ފަހު މިނެޓާ ހަމައަށް މަސައްކަތް ކުރާނަން. ލިވަޕޫލުން މި ސީޒަނުގައި ކުޅޭ އެންމެ ފަހު ހޯމް މެޗު ދެން އޮތީ. ސަޕޯޓަރުން މުޅި ދަނޑު ގުގުމާނެކަން އެނގޭ. ފުޓުބޯޅައަކީ ގޮތް ނޭނގޭ އެއްޗެއް، އެހެންވީމަ ތަށްޓަށް މަސައްކަތް ކުރާނަން،" ކްލޮޕް ރޭގެ މެޗަށްފަހު ބުންޏެވެ.
ކްލޮޕް އިތުރަށް ބުނީ "ލިވަޕޫލަށް ތަށި ލިބުމަކީ ނުވުން ގާތް ކަމެއް ނަމަވެސް، ފުޓުބޯޅައިގެ ކޮންމެ ކަމެއްވެސް ވުމުގެ ފުރުސަތު އޮންނާނެ،" ކަމަށެވެ. ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ވަނީ 2019 ވަނަ އަހަރު ސިޓީން ލީގު ހޯދި ގޮތަށްވެސް ވާހަކަ ދައްކައިފައެވެ. ކްލޮޕް ބުނެފައި ވަނީ ސިޓީއަށް 2019 ވަނަ އަހަރުގެ ލީގު ތަށި ލިބުނީ 11 މިލި ސިކުންތުގެ ތެރޭގައި ނަތީޖާ ބަދަލުވެގެން ކަމަށެވެ.
ލިވަޕޫލާއި ސިޓީވެސް ލީގުގެ ފަހު މެޗުތަކަށް ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭގައެވެ. އެރޭ ސިޓީން ކުޅޭ މެޗަކީ އެޓީމުން މި ސީޒަނުގައި ކުޅޭނެ އެންމެ ފަހު މެޗެވެ. ލިވަޕޫލުން ދެން ކުޅޭނީ 28 ވަނަ ދުވަހުގެ ރޭ އޮންނަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ. އެމެޗުގައި ލިވަޕޫލް ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް