އޭޝިއަން ކަޕް ކޮލިފައިންގެ އެންމެ ފަހު ބުރުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

ގައުމީ ދަނޑުގައި ރޭ ފެށި ތަމްރީނުތަކަކީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން އެންމެ ފަހު ބުރަށް ތައްޔާރުވުމަށް ކުރަމުންދާ ތަމްރީނުތަކެކެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ސެންޓްރަލައިޒްކޮށް އުޒްބެކިސްތާންގައެވެ. ރާއްޖޭން އޭޝިއަން ކަޕް ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ހުށަހެޅި ނަމަވެސް އެ ފުރުސަތު ދިން ހަ ގައުމުގެ ތެރޭގައި ރާއްޖެ ނުހިމެނެއެވެ. ކޮލިފައިން ހޯސްޓް ކުރުމުގެ ފުރުސަތު އޭއެފްސީން ދިނީ އުޒްބެކިސްތާން، މެލޭޝިއާ، ކުވެއިތު، މޮންގޯލިއާ، ކިރްގިސްތާން އަދި އިންޑިއާ އަށެވެ. ރާއްޖޭގެ ފުރަތަމަ މެޗު ޖޫން އަށްވަނަ ދުވަހު އޮތީ ތައިލެންޑާ ދެކޮޅަށެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ފަހު ބުރުގައި ކުޅޭ ހަ ގްރޫޕެއްގެ އެއްވަނަ މަގާމުތައް ހޯދާ ހަ ޓީމެއްގެ އިތުރުން ދެން ބާކީ އޮންނަ ފަސް ޖާގައަށް ކޮލިފައިވާނީ ހަ ގްރޫޕްގެ ދެވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ޓީމެކެވެ. މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަަލަށެވެ. ކުރިން މުބާރާތް ބާއްވަން އޮތީ ޗައިނާގައި ނަމަވެސް، އެގައުމުން ވަނީ މުބާރާތް ހޯސްޓް ނުކުރެވޭނެ ކަމަށް އަންގާފައެވެ. އޭގެ ފަހުން މުބާރާތް ބާއްވާނެ ގައުމެއް އަދި އިއުލާނެއް ނުކުރެއެވެ.

ގައުމީ ޓީމުން ރޭ ތަމްރީނުތައް ފެށީ ޓީމުގައި އެންމެ ގިނަ ކުޅުންތެރިން ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުންތެރިންނާ ނުލައެވެ. މާޒިޔާއިން މިވަގުތު ތިބީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން، އިންޑިއާގެ ކަލްކަތާގައެވެ. މާޒިޔާ ކުޅުންތެރިން ގައުމީ ޓީމާ އެންމެ އަވަހަށް ވެސް ގުޅޭނީ މި މަހު 25 ވަނަ ދުވަހުއެވެ. އެއީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅޭ އެންމެ ފަހު މެޗު އޮތީ މި މަހު 24 ވަނަ ދުވަހު ކަމަށްވާތީއެވެ.

ރޭގެ ތަމްރީނުތަކުން ރަސްމީ ސްކޮޑު ނޭނގުނު ނަމަވެސް، ގައުމީ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަލަށް ގައުމީ ތަމްރީނުތަކަށް ނެރުނު ބައެއް ކުޅުންތެރިން ފާހަގަ ވެގެން ދިޔައެވެ. އޭގެތެރޭގައި އީގަލްސްގެ ފަހަތަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުމެއިދު ހުސެއިން އާއި ޒައިން ޒަފަރު، ކްލަބް ވެލެންސިއާގެ ފުލްބެކް، އަހުމަދު ސިޒާން (ސިއްޕެ) ހިމެނެއެވެ. އަދި އީގަލްސް ޓީމުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަޅަށް ކުޅުނު ކީޕަރު، ހަސަން އަލީފް އިބްރާހިމް ވެސް ވަނީ ޕްރެކްޓިސް ކުރަމުން އަންނަ ފަސް ކީޕަރުންގެ ތެރޭގައި ހިމެނިފައެވެ.

އަނިޔާއިން ރަނގަޅުވެގެން އެނބުރި އައި ކުޅުންތެރިންނަށް ބަލާއިރު، ކްލަބް ވެލެންސިއާގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) އާއި ޔުނައިޓެޑް ވިކްޓަރީގެ ވިންގް، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ހިމެނެއެވެ.