ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހާނެ ގޮތް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިމަހުގެ 15 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސައުދީ ސަރުކާރުން ރާއްޖެ ހަދިޔާކޮށްފައިވާ ކަދުރު ބަހާނީ، އައްޑޫ ސިޓީ އާއި، ފުވައްމުލަކު ސިޓީ އާއި، ކުޅުދުއްފުށި ސިޓީ އާއި މާލެ ސިޓީގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި އަންނަ ތަރުތީބުން ކަމަށެވެ.
މިނިސްޓްރީން ބުނީ މިއަހަރު އެ މިނިސްޓްރީގެ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ދެވޭނެ ކަމަށެވެ. އަދި ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު ކަދުރު ބަހާނީ ފުރަތަމަ ކަދުރު ބަލައި އަންނަ މީހާއަށް ފުރަތަމަ އިސްކަންދޭ އުސޫލުން ކަމަށާއި ކޮންމެ ގެއަކަށް ދޫކުރާނީ އެއް ޕެކެޓް ކަދުރު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބަހަން ނިންމާފައިވަނީ އެ މިނިސްޓްރީން އެކަން އިއުލާން ކުރުމަށްފަހު ކައުންސިލްތަކާއި ހަވާލުކޮށްގެން ކަމަށެވެ. އަދި ގޭބިސީތަކަށް ކަދުރު ދޫކުރެވޭނީ ގޭބިސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެނައުމުން އޭގެ ސައްހަކަން ބެލުމަށްފަހު ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން ބަލައި އަންނަ މީހާގެ އައިޑީކާޑު ގެންނަން ޖެހޭ ކަމަށްވެސް ބުންޏެވެ.
ކަދުރު ބަހަން މިހާރު ފަށާފައިވާއިރު އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބަހާނީ ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި، ހެނދުނު 8:45އިން މެންދުރު 2:00އަށް އިސްލާމިކް މިނިސްޓްރީ އަށް ދިޔުމުން ކަމަށެވެ.
ކައުންސިލްތަކުން ކަދުރު ބަހަން ޖެހޭނީ ހަމައެކަނި ސަރުކާރުން ބަހާ އެއްޗެއް ގޮތުގައި ކަމަށާއި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކަދުރު ބަހާނީ އެ މިނިސްޓްރީން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ކައުންސިލްތަކުން ކަދުރު ދޫކުރަން ޖެހޭނީ މިއަހަރު އެ މިނިސްޓްރީއަށް ފޮނުވި ގޭބިސީތަކުގެ ލިސްޓަށް ބެލުމަށްފަހު ކަމަށާއި ރަށްރަށަށް ކަދުރު ގެންދިޔުމަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރަންޖެހޭނީ އެރަށެއްގެ ކައުންސިލުން ކަމަށްވެސް ބުންޏެވެ.
ރާއްޖެއަށް ސައުދީން ހަދިޔާ ކުރި ކަދުރު މިއަހަރު ލިބުނީ ފިތުރު އީދު ބަންދުތެރޭގަ އެވެ. މިއަހަރު ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.
ޚަބަރު
ޚަބަރު
ޚަބަރު