ޚަބަރު

އަލްހާން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

މުހައްމަދު އިޝާން

މަނީ ލޯންޑަރިންގެ ތުހުމަތަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި އެމްޑީޕީގެ ކުރީގެ ރައީސް އަލްހާން ފަހުމީ މިރޭ ފުލުހަށް ހާޒިރުކޮށްފިއެވެ.

އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އަލްހާނަށް ޗިޓު ފޮނުވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ފުލުހުން އެ ޗިޓުގައި ބުނެފައިވަނީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަލްހާން މިރޭ ވަނީ އެ މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވެފައެވެ. އޭނާ ފުލުހަށް ހާޒިރުވެފައިވަނީ މިރޭ 8:00 އަށެވެ. އަލްހާން ވަނީ އޭނާގެ މައްޗަށްކުރާ މަނީ ލޯންޑަރިންގެ ތުހުމަތަށް އިންކާރުކުރައްވައިފައެވެ.

"މަކަރާ ހީލަތް ހަދައިގެން މީހުން އަތުން ފައިސާނަގާ މަނީލޯންޑާ ކުރިކަމަށް ބުނެ ފުލުހުން ކުރި ތުހުމަތަށް އަޅުގަނޑު ކަނޑައެޅިގެން އިންކާރު ކޮށްފިން" އަލްހާން ވިދާޅުވިއެވެ.

ކިންގްސް ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ އިރު، ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެކަން ހިއްސާކުރަން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ އެދިފައެވެ.

އަލްހާން ހިންގަވަނީ ޕޮންޒީ ސްކީމެއްކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.

އަލްހާންގެ ކޮއްކޮ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ އަށް ވެސް ފުލުހުން ވަނީ މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ތަހުގީގަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފައެވެ. އޭނާވެސް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 8:00 އަށެވެ.