ށ. މިލަންދޫގައި ކުޑަ ފިރިހެން ކުދިންތަކެއް އެ އުމުރުގެ އެހެން ކުއްޖަކު އެރަށުގެ ވަލުތެރެއަށް ވައްދައި އަނިޔާ ކުރި މައްސަލައިގައި ސްކޫލް ދަރިވަރުން ރަށުތެރޭގައި އުޅޭގޮތް މޮނީޓާކޮށް، ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެރަށު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ފަހަކަށް އަައިސް ސްކޫލު ދަރިވަރުންގެ މެދުގައި ގަނާ ކުރުމުގެ އަމަލުތައް އިތުރުވުމާއި ސްކޫލު ދަރިވަރުން މުހިންމު ބޭނުމެއްނެތި ރަށުތެރޭގައި ގްރޫޕް ހަދައިގެން އުޅޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ އެ ދަރިވަރުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކެއް ކަމަށް ބެލެވޭތީ، އެކަން ހުއްޓުވައި، ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ރަށުގެ މުއައްސަސާތައް ގުޅިގެން ސްކޫލު ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާ ގޮތް މޮނީޓާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ވަނީ ސްކޫލު ދަރިވަރުން ކުޅިވަރު ކުޅޭ ދަނޑުތައް ބޭނުންކުރާ ގަޑިއަކީ ހަވީރު 4:00 އިން 6:00 ކަމަށް ކަނޑައަޅައިފައެވެ. އެ ނޫން ވަގުތުތަކުގައި، ހާއްސަކޮށް ރޭގަނޑު ކުޅިވަރު ކުޅެން ދިއުމަކީ މަނާކަމެކެވެ.

ކުޅެން ދިއުމަށް ކަނޑައަޅާފައިވާ ވަގުތު ފިޔަވައި އެހެން ވަގުތު ތަކުގައި ކުޅެން އުޅޭ ދަރިވަރުންނާއި ކުޅުމަށް ކަނޑައަޅާފައިވާ ވަގުތުގައި އެކަމަށް އެކަށޭނަ ހެދުން ބޭނުން ކުރުމުގެ ބަދަލުގައި ހަވީރީ ހެދުން ލައިގެން ކުޅެންދާ ދަރިވަރުން ގެއަށް ފޮނުވާލެވޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މިސްކިތަށް ނަމާދަށް ގޮސް މިސްކިތުގެ ބޭރާއި އެތެރޭގައި ވާހަކަ ދައްކައި، ސަކަރާތް ޖަހާ ދަރިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި ރޭގަނޑު އެކި ސަރަހައްދުތަކުގައި ގްރޫޕް ހަދާފައި، ބެލެނިވެރިންނާ ނުލައި އުޅޭ ދަރިވަރުން ގެޔަށް ފޮނުވާލައި ފިޔަވަޅު އަޅަން ވަނީ ނިންމައިފައެވެ. އަދި ސްކޫލް ދަރިވަރުން އެކަނި ނުވަތަ ގްރޫޕް ހަދާފައި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުމަކީ ވެސް މަނާކަމެއް ކަމަށާއި އެފަދަ ތަންތަނަށް ދެވޭނީ ބެލެނިވެރިޔާއާ އެކު ކަމަށްވެސް އިއުލާންގައިވެއެވެ.

މީގެ އިތުރުން ހަފުތާ ބަންދުގައި ނުވަތަ އެ ނޫން ދުވަސްތަކުގައި ވެސް ކުދިންނަށް މޫދަށް އެރެވޭނީ ބެލެނިވެރިއެއްގެ ހާޒިރުގައެވެ. ހުކުރު ދުވަހު ހެނދުނު މޫދަށް އެރޭ ކުދިން ވެސް ލަސްވެގެން ހެނދުނު 10:45ގައި މޫދުން އަރަން ޖެހެއެވެ. އަދި ދަރިވަރުން، އައުޓްޑޯ ޖިމް ބޭނުންކުރާނަމަ، ބޭނުންކުރަންވާނީ އެތަން ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މިލަންދޫގައި ކުޑަ ފިރިހެން ކުދިންތަކެއް އެ އުމުރުގެ އެހެން ކުއްޖަކު އެރަށުގެ ވަލުތެރެއަށް ވައްދައި އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ. އެ ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ ކުދިންތަކެއް އެ ފިރިހެން ކުއްޖާ މިލަންދޫ ފުޓުބޯޅަ ދަނޑާ ދިމާލުގައި އޮންނަ ވަލަށް ވައްދައި އަނިޔާކުރާ މަންޒަރެވެ. އަދި އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި އަނިޔާކުރާ އިރު، އެ ކުއްޖާގެ ރުއިމުގެ އަޑު އިވެއެވެ.

އެ ވީޑިއޯގެ މައްސަލަ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ ތަހުގީގު ކުރަމުންނެވެ.