ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ގޮވައިގެން ފިލަން އުޅުނު މައްސަލައިގައި ސ. ހިތަދޫ، މަނާލް (މިހާރު އުޅޭ އެޑްރެސް މ. މުއްކޮޅު) އުމުރުން 25 އަހަރުގެ މިންހާލް އަލީގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އޭނާ ބަންދު ކުރުމަށް ގާޒީ ސަފްއަތު ހަބީބު މިއަދު ނެރުއްވި އަމުރުގައި ވަނީ، އޭނާ އަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދު ކުރަންޖެހޭ މީހެއް ކަމަށެވެ. އަދި އޭނާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެތްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.

ކުޑަ ކުއްޖާ ގޮވައިގެން އޭނާ ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވިކަން ހުށަހަޅާފައިވާ ބަޔާންތަކުން އެނގޭ ކަމަށާއި އޭނާ، ކުޑަކުއްޖާއާ ހާއްސަ ގުޅުމެއް ބާއްވާ ކަމަށްވެސް އަމުރުގައި ބުނެގައިވެއެވެ.

އަމުރުގައި ބުނެފައި ވަނީ އޭނާ އަކީ ތަފާތު އެކި ބާވަތްތަކުގެ ކުށްތަކުގައި ހައްޔަރުކޮށް، ބަންދު ކުރުމުގެ ގިނަ ރެކޯޑްތަކެއް އޮތް ފަރާތެއް ކަމަށެވެ. އަދި އޭނާ، އެކުއްޖާއަށް އަންނައުނު ހަވާލު ކުރުމަށް އެދި ޖެންޑާ މިނިސްޓްރީއަށް ފޯމު ހުށަހަޅާފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.