ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާއި، އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ އިންތިހާބާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބުގެ ނަތީޖާއިން ދައްކާގޮތުގައި، ކުރިންވެސް އޮތް ގޮތަށް، ބޮޑު ތަފާތަކުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ބަލިކުރައްވައި ޗެއާޕާސަންކަމުގެ މަގާމަށް އިންތިހާބުވެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭނާއާ ވާދަކޮށްފައިވަނީ، ސަފާތު އަހުމަދު ޒާހިރެވެ. އަދި ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމުގެ މަގާމުގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ، ރިފްގާ ޝިޔާމެވެ.

  • އިމްތިޔާޒް ފަހުމީ: 20،051 ވޯޓު (%41)
  • ފައްޔާޒް އިސްމާއީލް: 27،470 ވޯޓު (%57)
  • ޖުމުލަ ވޯޓު: 48،502
  • ސައްހަ ވޯޓު: 47،521 (%98)
  • ބާތިލު ވޯޓު: 981 (%2)
  • ރޮޒައިނާ އާދަމް: 11،708 ވޯޓު (%56)
  • ސަފާތު އަހްމަދު ޒާހިރު: 7961 ވޯޓު (%38)
  • ޖުމުލަ ވޯޓު: 20،856
  • ސައްހަ ވޯޓު: 19،669 (%94)
  • ބާތިލު ވޯޓު: 1187 (%6)
  • މުހައްމަދު އަންސަރު: 5545 ވޯޓު (%42)
  • ރިފްގާ ޝިޔާމް: 6322 ވޯޓު (%48)
  • ޖުމުލަ ވޯޓު: 13،126
  • ސައްހަ ވޯޓު: 11،867 (%90)
  • ބާތިލު ވޯޓު: 1259 (%10)

އެމްޑީޕީން ބުނީ، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޕާޓީގެ ޗެއާޕާސަންކަމާ ފައްޔާޒް ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.