އައްޑޫ ސިޓީގައި ފުލުހަކަށް މަރުގެ އިންޒާރުދީ، އަނިޔާކުރި މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އައްޑޫ ސިޓީ ހިތަދޫ, އައްޒާ, މުބާރިކް އަހުމަދު އެއް އަހަރާއި ތިން މަހާއި 17 ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމްކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ފުލުހުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރަން އެދުމުން އެކަމާ ދެކޮޅު ހަދައި ފުލުސް މީހަކަށް އިންޒާރުދީ އަނިޔާކުރި މައްސަލައިގައެވެ.

އެގޮތުން މުބާރިކް ވަނީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކޯޕްރަލް ޝަޒަން އިބްރާހިމްގެ ދަށްބަނޑުގައި ޖަހައި، ކަނާތު މުލައްދަނޑީގައި ވަކި އަޅައި އަދި އެހެން ފުލުހެއް ކަމަށްވާ ލާންސް ކޯޕްރަލް އިބްރާހިމް ޝަރީފްގެ ބަނޑުގައި ފައިންޖަހައި އަދި ކޮންސްޓަބަލް ހުސައިން ރާޒީގެ އަތުގައި ވަކި އަޅައިފައި ކަމަށް ދައުވާގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން މުބާރިކްގެ މައްޗަށް އުފުލީ ބިރުދެއްކުމާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އެ ދައުވާއަށް ކޯޓުގައި މުބާރިކް ވަނީ އިންކާރުކޮށް، އެއްވެސް ފުލުހަކަށް މަރުގެ އިންޒާރުދީ އަނިޔާކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.

މުބާރިކް ދައުވާއަށް އިންކާރު ކުރުމުން، ކުށް ސާބިތު ކުރުމަށް ދައުލަތުން ހެކިވެރިންގެ ގޮތުގައި ވަނީ ހާދިސާ ހިނގިއިރު، އެ ތަނުގައި ތިބި ތިން ފުލުހުން ހުށަހަޅައިފައެވެ. ހެކިބަސްދެމުން އެ ތިން ފުލުހުންވެސް ވަނީ ޝަޒަންއަށް މުބާރިކް މަރުގެ އިންޒާރު ދީފައިވާ ކަމަށް ބުނެފައެވެ.

އެ ދައުވާއިން ދިފާއުވާން މުބާރިކަށް ހެކި ހުށަހަޅަން ދިން ފުރުސަތުގައި އެއްވެސް ހެއްކެއް އަދި ގަރީނާއެއް ހުށަހަޅައިފައެއް ނުވެއެވެ.

އެހެންކަމުން އެ މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބު ނިންމެވީ ހެކިންގެ ހެކިބަހާއި ސީން އޮފް ކްރައިމްސް އޮފިސަރުގެ ރިޕޯޓުންނާއި މެޑިކޯ ލީގަލް ރިޕޯޓުން މުބާރިކްގެ މައްޗަށް ޝައްކެއް ނެތް ވަރަށް ކުށ ސާބިތުވާ ކަމަށެވެ. އަދި މުބާރިކްގެ މައްޗަށް އުފުލައިފައިވާ ބިރު ދެއްކުމުގެ ދައުވާ ޝައްކެއް ނެތް ވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވިއެވެ. އަދި މުބާރިކްގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާ ސާބިތުވާ ކަމަށް ކަނޑައަޅައި، ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ގާޒީ ހުކުމް ކުރެއްވިއެވެ.

ނަމަވެސް ބަންދުގައި މުބާރިކް ހުރި ދުވަސްތައް އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ނުވަ މަހާއި 17 ދުވަސް ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ. އަދި 897 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށާއި 24،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ ހަ ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް އަންގާފައިވެއެވެ.