އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ގޮވާލައި އެ މަނިކުފާނުގެ ގެކޮޅާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީއެމްގެ އޮފީސް ދޮރަށް ގެއްލުންދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ރައީސް ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރަށް މި މަހުގެ 11 ވަނަ ދުވަހުގެ ރޭ އެ މަނިކުފާނުގެ ފޮޓޯ ހިމެނޭ ކުރެހުމަށް ކަޅާއި ހުދުން ވަނީ ސްޕްރޭކޮށްފައެވެ. އެ ކުރެހުމުގައި ވަނީ "އެރެސްޓް ޔާމީން އަބްދުލްގައްޔޫމް" އިނގިރޭސި ބަހުން ޖަހައިފައެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނަކު މިމަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭ ކޮށްފައިވާއިރު ރޭގެ ވަގުތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެޔަށްވެސް އިންޑިއާ އައުޓު ސްޕްރޭއިން ޖަހާފައިވާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.