މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައިވެސް ކުރާނެ އިތުރު މަސައްކަތެއް ނެތިގެން ޖަލްސާ ނިންމަވައިލައްވައިފިއެވެ.
އިއްޔެގެ ޖަލްސާއާ އެއްގޮތަށް މިއަދުގެ ޖަލްސާގައިވެސް އެޖެންޑާކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ. އެެއީ ވަޒީރުންނާ ސުވާލު ކުރުމެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ، ވ.ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާބެހޭގޮތުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އާއި، ވިލިނގިލީ ބަނދަރުގެ މަސައްްކަތްތަކާބެހޭގޮތުން، ވިލިނގިލީ ދާއިރާގެ މެންބަރު ސއުދު ހުސެއިން މިނިސްޓަރ އޮފް ޕްލޭނިންގް، ހައުސިންގ، އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމާ ސުވާލު ކުރެއްވުމެވެ.
މިއަދުގެ ޖަލްސާގައި ދެ މެންބަރުން ސުވާލު ކުރެއްވުމަށް އޮތުމުން، އިތުރު ސުވާލު ކުރުމުގެ ވަގުތާއެކު 10:00 އަށް ޖަލްސާ ކުރިއަށް ގެންދިޔައެވެ. އެއަށްފަހު ޖަލްސާ ނިންމަވައިލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިއްޔެއެކޭ އެއްފަދައިން މިއަދުވެސް މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ، ދެބާވަތުގެ މަސައްކަތް ކުރާތަނެއް ކަމަށާއި، އެއް މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި، އަނެއް މަސައްކަތަކީ ގާނޫނު ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގައި ގާނޫނު ހެދުމުގެ މަސައްކަތް އުފެދިގެން އަންނަނީ ސަރުކާރުން ބިލު ފޮނުވައިގެންނާއި އަދި މަޖިލީހުގެ މެންބަރުން ބިލު ހުށަހަޅައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށްދަނީ، މަޖިލިސް މެންބަރުން ވަޒީރުންނާ ސުވާލު ކުރުމުންނާއި، ވަކި ކަމަކާ ގުޅޭގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަން މެންބަރުން ނުކުތާއެއް ފާހަގަކޮށް ބަހުސެއް ކުރައްވައި، ނުވަތަ ސުވާލެއް ކުރައްވައި، ނުވަތަ ކޮމިޓީއެއްގައި ދިރާސާއެއް ކުރެއްވުމުން ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި އެބާވަތުގެ އެއްވެސްކަމެއް ނެތްކަމަށް ވިދާޅުވެ މަޖިލިސް ރައީސް މިއަދުގެ ޖަލްސާވެސް ނިންމަވައިލެއްވިއެވެ.