ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، ބައްޕަ އަހަރަކަށް ވުރެ ގިނަ ދުވަހު ބަހައްޓައި، ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ އޮފިސަރަކާ ހަވާލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ވިދާޅުވެ، އެ މައްސަލައިގެ ދައުވާ ބޭރުކޮށްދިނުމަށް، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
ބައްޕަ ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ޝިޔާމް ގެންގުޅުއްވީ ގާނޫނާހިލާފަށްކަަން ފާހަގަކުރައްވައި ދައުލަތުގެ ފަރާތުން ވަނީ ޝިޔާމުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކޮށްފައެވެ. ޝިޔާމުގެ އޭނާގެ ބައްޕަ އެމްއާރުސީސީގައި ބަހައްޓައި، ސިފައިންގެ އޮފިސަރަކު ބައްޕަގެ ކަންކަން ބަލަހައްޓަން ހަމަޖެއްސީ ސިފައިންގެ ގާނޫނާއި އުސޫލުތަކާ ހިލާފަށްކަމަށް ދައުލަތުން ދައުވާގައި ވަނީ ވިދާޅުވެފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ޝިޔާމުގެ ދިފާއީ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ ސިފައިިންގެ އިސް މަގާމުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ދިމާވާ އެމަޖެންސީ ހާލަތްތަކުގައި ސިފައިންގެ އިމާރާތްތަކުގައި އާއިލާ މެންބަރުން ބެހެއްޓުމަކީ އެމްއެންޑީއެފްގައި އޮންނަ އުސޫލުތަކުގެ ތެރެއިން ހުއްދަކަމެއް ކަމަށެވެ. އެކަމަށް ބާރުދެއްވައި ހަމްޒާ ވިދާޅުވީ، އެމްއެންޑީއެފްގެ ރީޖަނަލް ކޮމާންޑަރުން އެ ބޭފުޅުން ތިއްބަވާ ސެންޓަރުގައި އާއިލާގެ ބޭފުޅުންނާއެކު މިހާރުވެސް ދިރިއުޅުއްވަމުން އަންނަ ކަމަށެވެ.
ޝިޔާމުގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އެ މައްސަލަ ބެލި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ބަޔާން ދެއްވި ސިފައިންގެ އެހެން ބޭފުޅުން ވެސް ރީޖަނަލް ކޮމާންޑު ސެންޓަރުތަކުގައި އާއިލާއެކު ދިރިއުޅުމުގެ ފުރުސަތު އޮންނަކަން ފާހަގަކޮށްފައިވާކަ މަށް ހަމްޒާ ވިދާޅުވިއެވެ. އެހެންކަމުން ޝިޔާމަށް ކުރާ ދައުވާގެ ބުރަދަނެއް ނެތުމުން ދައުވާ ބޭރުކޮށްލަ ދިނުމަށް އެދޭކަމަށް ހަމްޒާ ވިދާޅުވިއެވެ.
ހަމްޒާ ވިދާޅުވީ ޝިޔާމް، އޭނާގެ ބައްޕަ އެމްއާރުސީސީގައި ގެންގުޅުއްވި މައްސަލަ އޭސީސީއަށް 2019 ވަނަ އަހަރު ހުށަހެޅުމުން، އެ މައްސަލައިގައި ދައުވާނުކުރުމަށް އޭސީސީން ނިންމި ކަމަށެވެ. އަލުން އެ މައްސަލަ ބަލައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ ޕީޖީން އެގޮތަށް އެދުމުން ކަމަށެވެ.
ހަމްޒާގެ އެ ވާހަކަތައް ދޮގުކުރައްވައި ދައުލަތުން ވިދާޅުވީ، ޕީޖީ އޮފީހުން އޭސީސީއަށް އެ މައްސަލަ ބަލަން އަލުން އެންގީ ހެކި ގަރީނާތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އަދި ޝިޔާމުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކުރަނީ، ޝިޔާމު ކުރި އަމަލުގެ މަންފާއަކީ އާންމުންނަށް ލިބެންނެތް އަމަލަކަށްވުމުން ކަމަށާއި ނަމަވެސް ޝިޔާމުގެ ބައްޕައަށް އެކަމުގެ މަންފާވެފައިވުމުގެ ސަބަބުން އެ ދައުވާކުރަން ނިންމީ ކަމަށެވެ.
އެމްއާރުސީސީގައި ޝިޔާމް، އޭނާގެ ބައްޕަ ގެންގުޅުއްވީ ގާނޫނާ އެއްގޮތަށްކަމަށް ވިދާޅުވެ ހަމްޒާ ދެެއްކެވި ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، ސިފައިންގެ އެކޮމެޑޭޝަންތަކުގައި އާއިލާ ބޭފުޅުންނަށް އިސް އޮފިސަރުންނާއެކު ދިރިއުޅެވެނީ ކުރު މުއްދަތަކަށް ކަމަށެވެ. ނަމަވެސް ޝިޔާމު، އޭނާގެ ބައްޕަ އަހަރަކަށްވުރެ ގިނަ ދުވަހަށް އެމްއާރުސީސީގައި ބެހެއްޓެވި ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުގެ ވާހަކަ ނުނިމެނީސް މިއަދުގެ ޝަރީއަތަށް ކަނޑައަޅާފައިވާ ވަގުތު ވަނީ ހަމަވެފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
މި މައްސަލަ ބައްލަވަނީ ގާޒީ ހަސަން ސައީދެވެ.