އިނގިރޭސި ވިލާތް ފަހަތަށް ޖައްސާލައި މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައަށް އިންޑިއާ ޖެހިލައިފިއެވެ.
މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު އެ ލިސްޓުގެ އެއްވަނައިގައި އޮތީ ރަޝިޔާ އެވެ. ނަމަވެސް ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ނިމިދިޔަ މާޗް އަދި އޭޕްރީލް މަހު ރަޝިއާއިން އަންނަ ފަތުރުވެރިންވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މިދިޔަ މާޗް އަދި އޭޕްރީލް މަހު އެ ލިސްޓުގެ އެއްވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ޓޫރިޒަމް މާކެޓް ލީޑުކުރަނީ އިންޑިއާ އިންނެވެ. މާކެޓުގެ 12.9 ޕަސެންޓް އިންޑިއާ ހިއްސާ ކުރާއިރު ދެވަނައިގައި އޮތް އިނގިރޭސިލާތް މިހާރު ހިއްސާކުރަނީ މާކެޓުގެ 12.7 ޕަސެންޓެވެ. ރަޝިއާ، މިހާރު ވަނީ ލިސްޓުގެ ތިންވަނައަށް ވެއްޓިފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ ހަ ލައްކަ އަށް ވުރެ މައްޗަށް ގޮސްފައެވެ.
މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 131،764 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 149،011 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، މިދިޔަ މަހު ޒިޔާރަތްކޮށްފައިވަނީ 150،739 ފަތުރުވެރިންނެވެ. އަދި އޭޕްރީލް އޭޕްރީލް މަހު 145،279 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، މިމަހުގެ މިހާތަނަށް ޒިޔާރަތް ކުރީ 55،552 ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.