ނިމިދިޔަ ދުވަސްކޮޅަކީ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބާއި ގުޅިގެން ޕާޓީތެރޭގެ މަސްލަހަތު ގެއްލި އިންތިހާއަށް ހަމަނުޖެހުންތަކާއި ކޯޅުން ބޮޑު ދުވަސްކޮޅެކެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުކުންނެވުމާއި ގުޅިގެން ދެން އެ މަގާމަށް ވާދަކުރި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމާއި އިންތިހާއަށް ކޯޅުންބޮޑުވި އެވެ. މި ކޯޅުންތަކުގެ ތެރޭގައި ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގެން ވަނީ ސަރުކާރާއި ފައްޔާޒަށް ތާއީދުކުރެއްވި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ކޯޅުންގަނޑުގެ ސަބަބުން އެމްޑީޕީ އޮތީ ދެބައިވެފައެވެ. ފައްޔާޒު އާއި ނަޝީދުގެ މެދުގައި ސިޔާސީ ނުތަނަވަސްކަން އޮތް ވަރު ފެނި ދެބޭފުޅުން އެއްގަލަކަށް ދުވަހަކުވެސް އަރާނެތޯ އާއި އެމްޑީޕީ އަނބުރާ އެކަތިގަނޑަކަށްވެދާނެތޯ އެތައްބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.
ނަމަވެސް އިންތިހާބަށް ފަހު ނަޝީދު ވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވެ، ފައްޔާޒުގެ ލީޑަޝިޕްގައި އެމްޑީޕީ ކާމިޔާބުތައް ހޯދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފައްޔާޒުވެސް ވަނީ ޕާޓީ ކުރިއަރުވަން ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
ދެން ފެނިގެންދިޔައީ އަދި މާ ތަފާތު މަންޒަރެކެވެ. މިއަދަކީ ފައްޔާޒުގެ އުފަން ދުވަހަށް ވާތީ ޕާޓީގެ އިދާރާގައި އޮތް ކުޑަ ހަފުލާގެ މަންޒަރު ވެގެންދާނީ އާއްމު މެންބަރުންގެ ހިތްތަކަށް އުފާވެރިކަން ގެނުވާނެ ކަމަކަށް ކަން ޔަގީނެވެ.
އެ ހަފްލާގެ ފޮޓޯތަކާއި ވީޑިއޯ އާންމުވެފައި ވާއިރު، އެ ވީޑިއޯ އިން ފެންނަނީ ނަޝީދާއި ފައްޔާޒު ވަރަށް ބޮޑަށް ހިނިފުޅުވަޑުވައިގެން ތިއްބަވައި ކޭކު ފަޅުއްވާ މަންޒަރެވެ. "ހެޕީ ބާތުޑޭ" ލަވަ ވިދާޅުވެ ނަޝީދު އަތްޖައްސަވައި އުފާ ފާޅުކުރާ މަންޒަރެވެ. އެ ވީޑިއޯއަށް ބަލާއިރު، ދެބޭފުޅުން ދެމެދު އެއްވެސް ނުތަނަވަސްކަމެއް އޮތް މަންޒަރެއް ނުފެނެއެވެ. ފެންނަނީ ވަރަށް ގާތް ބޭފުޅުންގެ ގޮތުގަ އެވެ.
އިންތިހާބު ނިމި އަދި ދުވަހެއް ވީތަނާ އެމްޑީޕީން މިވަނީ ހިތްތިރިކަމުގެ މިސާލު ދައްކާފައެވެ. ވާންޖެހޭނީވެސް އެހެންނެވެ. މޮޅުވީވެސް އަދި ބަލިވީވެސް އެމްޑީޕީއެވެ.