ޚަބަރު

ޝަންގަރިއްލާ ހުޅުވުން އަވަސް ކުރުމަށް ގާނޫނު ބަދަލުކުރަން ވަނީ ހުށަހަޅައިފައި: މައުސޫމް

އިބްރާހިމް ޒަކީ

ޝަންގަރިއްލާ އަވަހަށް ހުޅުވުމަށްޓަކައި، ރިސޯޓުތަކުގެ ސަރުކަރުގެ ހިއްސާ ބަދަލު ކުރުމުގެ ފޯމިއުލާ ބަދަލު ކުރުމަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އައްޑޫ ރައްޔިތުންގެ އެންމެ ބޮޑޫ އުއްމީދުތަކާ ގުޅިފައިވާ ޝަންގަރިއްލާ ރިސޯޓު ހުޅުވުމާބެހޭގޮތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ، އެންމެ އުފާ ލިބޭނެކަމަކީ، ޝަންގަރިއްލާ ހުޅުވުން ކަމަށެވެ.

ބައެއް ކަންކަމުގައި އެކްރީމެންޓުގައި ލިޔެފައި ހުންނަ ގޮތުން ނިހާޔަތަށް ގެއްލުންވަމުންދާ ކަމަށާއި، ޝަންގަރިއްލާ ކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެގްރީމެންޓަކީވެސް އެފަދަ އެގްރީމެންޓެއްކަމަށް މައުސޫމު ވިދާޅުވިއެވެ.

އެ އެގްރީމެންޓް ލިޔެވިފައި އޮތްގޮތުން ޝަންގަރިއްލާ ކުންފުންޏަށް 68 މިލިޔަން ޑޮލަރަށްވުރެގިނަ ޑޮލަރު ސަރުކާރުން ދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އެފަރާތުން ނަގާފައިވާ ލޯނުގެ 30 ޕަސެންޓްގެ ހިއްސާދާރެއްގެ ގޮތުން ދައްކަންޖެހޭ އަދަދެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެތަން އަވަހަށް ހުޅުވުމަށް ބާރު އެޅުމުގެ ގޮތްގޮތުން އެކިއެކި މަސައްކަތްކޮށް ދެން އޮތް ގޮތަކީ، އެތަނުގެ ހިސާދާރުގެ ހައިސިއްޔަތުން ހިއްސާ ގަތުން ކަމަށެވެ. ނަމަވެސް ގާނޫނު މިހާރު އޮތް ގޮތުން އެ ރަށުގެ ސައިޒާހެދި ވަރަށްބޮޑޫ އަދަދެއް ދަައްކަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ގާނޫނަށް އެބަދަލު ގެންނަން މަޖިލީހަށް ހުށަހަޅާފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން ގާނޫނު ބަދަލު ކުރަން ހުށަހަޅާފައި ވަނީ، ސަރުކާރުގެ ހިއްސާ ބަދަލު ކުރުމަށް ގެންގުޅޭ ފޯމިއުލާއަށް ބަދަލުގެނެވޭ ގޮތް ހެދުމަށް ކަމަށްވެސް މައުސޫމު ވިދާޅުވިއެވެ. އެގޮތުން ގެނެވޭ ބަދަލާއެކު ޝަންގަރިއްލާ ހުޅުވިގެން ދިއުން ވެގެންދާނީ އައްޑޫ ސިޓީއަށް އަންނަ ބޮޑޫ ބަދަލަކަށް ކަމަށްވެސް މައުސޫމު ވިދާޅުވިއެވެ.

ނަމަވެސް މައުސޫމު ވިދާޅުވީ އެ ރިސޯޓު ހުޅުވޭނެ ވަކި ތާރީހެއް ކަނޑައަޅައި ވިދާޅުވާން އެނގިވަޑައިނުގަންނަވަ ކަމަށެވެ.