ސަރުކާރުން ހުށަހަޅާފައިވާ ބިލެއް އަދި މަޖިލިސް ތަޅުމުގައި ކުރާނެ މަސައްކަތެއްވެސް ނެތްކަމަށް ވިދާޅުވެ، ވަޒީރުންނާ ސުވާލު ކުރަން އޮތް ވަގުތަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ، އެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީއަށްފަހު ދެވަނަ ދައުރުގެ މަސައްކަތްތައް ފެށުމަށް ބޭއްވި މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ.

ނުވަގަޑި ސުންމިނެޓުގައި ފެށި، މިއަދުގެ މުޅި ޖަލްސާއަށްވެސް އެޖެންޑާ ކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ. އެއީ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދުﷲ މައުސޫމާ ސުވާލު ކުރެއްވުމެވެ. މެންބަރު ރިޔާޒު ސުވާލު ކުރެއްވީ ތ.ކަނިމީދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ އޮޅޫން ފިލުވުމަށެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން ވަޒީރާ ސުވާލު ކުރަން ހަމަޖެހިފައިވާ މެންބަރު ކަނޑައެޅިފައިވާ ސުވާލު ކުރެއްވުމުން، މިނިސްޓަރު ދެއްވާ ޖަވާބާ ގުޅިގެން އިތުރު ސުވާލު ކުރުމުގެ ފުރުސަތު އެހެން މެންބަރުންނަށް އޮންނާނެއެވެ. އެގޮތުން ކުރިއަށް ގެންދިޔަ ބައިގަޑިއިރުގެ ސުވާލުގެ ވަގުތަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.

މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ބިލެއް ހުށހަޅާފައި ނެތް ކަމަށާއި، ނުނިމިހުރި މަސައްކަތެއްވެސް ނެތް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތްތައް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އިގްތިސާދީ ކޮމިޓީގައި ތިން ބިލުގެ މަސައްކަތް، ޖުޑިޝަރީގައި ތިން ބިލުގެ މަސައްކަތް، އިޖުތިމާއީ ކޮމެޓީގައި ތިން ބިލުގެ މަސައްކަތް، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި، އެންވަޔަރަންމަންޓް ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ އާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރެ ކޮންމެ ކޮމެޓީއެއްގައި އެއްބިލުގެ މަސައްކަތް، މާލިއްޔަތު ކޮމިޓީގައި ދެބިލުގެ މަސައްކަތް އެބައޮތް ކަމަށް ވިދާޅުވިއެވެ. ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީ އާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީ އާއި ލާމަރުކަޒީ ކޮމެޓީ ހިމެނޭ ޖޮއިންޓް ކޮމެޓީގައި ތިން ބިލު، އިޖުތިމާއީ ކޮމެޓީ އާއި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީ ހިމެނޭ ޖޮއިންޓް ކޮމެޓީގައި އެއް ބިލުގެ މަސައްކަތް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެ ބިލުތައް ހިމެނޭ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.