ޚަބަރު

ފައްޔާޒާއެކު އެމްޑީޕީން އިތުރު ކާމިޔާބީތަކެއް ހޯދާނެ، އެ ޔަގީންކަން އެބައޮތް: ނަޝީދު

މުހައްމަދު އިޝާން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަލަށް އިންތިހާބުވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ޗެއާޕާސަންކަމުގެ ދަށުން އެމްޑީޕީއަށް އިތުރު ކާމިޔާބުތަކެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފައްޔާޒް ކާމިޔާބުކުރެއްވީ، ވޯޓުލީ މީހުންގެ 58 ޕަސަންޓު ހޯއްދަވައިގެންނެވެ. އެ މަގާމަށް ދެން ކުރިމަތިލެއްވި މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ލިބިވަޑައިގަތީ 42 ޕަސަންޓެވެ.

ފައްޔާޒަށް މަރުހަބާ ދެންނެވުމުގެ ގޮތުން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފައްޔާޒަށާއި އޭނާގެ ކެމްޕޭން ޓީމާއި އިންތިގެ ކެމްޕޭން ޓީމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ފަޔާގެ ޗެއާޕާސަންކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދައިދޭނެކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާކެމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ޓުވީޓު ރީޓުވީޓު ކުރައްވައި ފައްޔާޒް ވިދާޅުވީ، ނަޝީދުގެ އިރުޝާދުގެ ދަށުން އެމްޑީޕީން މަސައްކަތްކުރާނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް ރާއްޖެ ތަރައްގީކުރަން ކަމަށެވެ.

ރައީސް ނަޝީދުގެ ތާއީދާއެކު ނުކުމެވަޑައިގެންނެވި އިންތި ވެސް ވަނީ ފައްޔާޒަށް މަރުހަބާ ދަންނަވައިފައެވެ. އިންތި ވިދާޅުވީ، އެމްޑީޕީގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

"ނިމިދިޔަ އިންތިހާބުގައި އަޅުގަނޑާއެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރިއްޔާ! އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މިޕާޓީއާއެކު ދެގޮތެއް ނުވެ، އަބަދުވެސް ދެމިހުންނާނަން،" އިންތި ވިދާޅުވިއެވެ.

އިންތިއަށް ލިބުނު ނާކާމިޔާބީއާއެކު އޭނާގެ ޓީމުގެ ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީން ވަކިވެފައިވާކަން އިއުލާނުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އިދިކޮޅު ޕީޕީއެމާ ގުޅެންވީ ވަގުތު ޖެހިއްޖެ ކަމަށްވެސް ބުނެފައެވެ.

ޗެއާޕާސަންގެ އިންތިހާބުގައި އިންތި ވާދަކުރެއްވީ އެމްޑީޕީގެ ރައީސް ނަޝީދުގެ ތާއީދާއެކުއެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަކުރެއްވި ކެންޑިޑޭޓެވެ.

އިންތިގެ ޓީމުން އިއްޔެ ވަނީ، އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހަޅައި، އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފައެވެ. ނަމަވެސް އެކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން މިހާތަނަށް އަދި އެއްވެސް ނިންމުމެއް ނިންމައިފައެއް ނުވެއެވެ.