އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް، އެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު މިނިސްޓަރު ފައްޔާޒް ކާމިޔާބުކުރެއްވީ، ވޯޓުލީ މީހުންގެ 58 ޕަސަންޓު ހޯއްދަވައިގެންނެވެ. އިންތިއަށް ލިބިވަޑައިގެންނެވީ 42 ޕަސަންޓެވެ.
ފައްޔާޒަށް މަރުހަބާ ދަންނަވައި އިންތި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.
"ނިމިދިޔަ އިންތިހާބުގައި އަޅުގަނޑާއެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރިއްޔާ! އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މިޕާޓީއާއެކު ދެގޮތެއް ނުވެ، އަބަދުވެސް ދެމިހުންނާނަން،" އިންތި ވިދާޅުވިއެވެ.
އިންތިއަށް ލިބުނު ނާކާމިޔާބީއާއެކު އޭނާގެ ޓީމުގެ ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީން ވަކިވެފައިވާކަން އިއުލާނުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އިދިކޮޅު ޕީޕީއެމާ ގުޅެންވީ ވަގުތު ޖެހިއްޖެ ކަމަށްވެސް ބުނެފައެވެ.
ޗެއާޕާސަންގެ އިންތިހާބުގައި އިންތި ވާދަކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކުއެވެ. އަދި ފައްޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަކުރެއްވި ކެންޑިޑޭޓެވެ.
އިންތިގެ ޓީމުން އިއްޔެ ވަނީ، އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހަޅައި، އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފައެވެ. ނަމަވެސް އެކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން މިހާތަނަށް އަދި އެއްވެސް ނިންމުމެއް ނިންމައިފައެއް ނުވެއެވެ.