ޚަބަރު

އިންޑިއާ އިން ގޮދަން ފުށުގެ އެކްސްޕޯޓް މަނާކުރިޔަސް, ރާއްޖެއަށް ދައްޗެއް ނުވާނެ: އެސްޓީއޯ

އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރިޔަސް, އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް އެ ލިބޭނެ ކަމަށް ސަރުކާރު ފިހާރަ, އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން އާންމުކޮށް ރާއްޖެއަށް ގޮދަން ފުށް ގެންނަނީ އިންޑިއާގެ އިތުރުން ތުރުކީންނެވެ. އަދި އެ ތަކެތި ހޯދަނީ ކޮންޓްރެކްޓް ކޮށްގެންނެވެ.

އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓް ކުރުން މަނާކުރުމާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން އެސްޓީއޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ, ރާއްޖެއަށް އިންޑިއާއިން ގޮދަން ފުށް ލިބުމުގައި އެއްވެސް ދަށްޗެއް ކުރިމަތިނުވާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރީ އިންޑިއާގައި ތަކެތީގެ އަގު މައްޗަށްދާތީ، އަގު ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ.

ނަމަވެސް އިންޑިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ނެރުނު އެންގުމުގައި ބުނެފައިވާ ގޮތުން, އެހެން ގައުމުތަކުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރަން އިންޑިއާ ސަރުކާރުން ދީފައިވާ ހާއްސަ ހުއްދައިގެ ދަށުންނާއި ސަރުކާރުތަކުން އެދިގެން ދޭ ހުއްދައިގެ ދަށުން އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.