އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އެޕާޓީގެ މެމްބަރުން މިއަދު ދެއްވި ވޯޓަކީ އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ދިން ވޯޓެއް ކަމަށް ފައްޔާޒް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވައި، ފައްޔާޒް ކާމިޔާބު ހޯއްދެއްވީ 8،000 ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.

އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރައްވައި، ފައްޔާޒް ދެންމެ ކުރެއްވި ޓުވީޓެއްގައި ވަނީ، އޭނާއަށް ވޯޓު ދިން ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

"އެމްޑީޕީގެ މެންބަރުން މިއަދު މިދިން ވޯޓަކީ މިޕާޓީއާ ސަރުކާރާ އެއްކޮށް ގޮސް 2023 ކާމިޔާބު ކޮށް މެންބަރުން އެދުނު ގޮތަށް މިޕާޓީ ހިންގާލަން ދިން ވޯޓެއް. މިކަމުގައި ދެގޮތެއް ނުވެ ހުންނާނަން" ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒް އިންތިހާބުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓްގެ ގިނަ ވަޒީރުން ތާއީދުކުރައްވާފައިވަނީ ފައްޔާޒަށެވެ.

އިންތިއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދުގެ ތާއީދު އޮތް ބޭފުޅެކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފައްޔާޒާއި އިންތިވެސް ވަނީ ވަރަށް ބޮޑަށް ކެމްޕެއިން ކުރައްވައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފައްޔާޒް ކާމިޔާބުކުރައްވާނެކަން ޔަގީންވެފައިވާއިރު، އިންތިގެ ކެމްޕެއިން ވަނީ އެ އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދައިފައެވެ. އެގޮތުން އިންތިހާބަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށާއި ހަތަރު ވޯޓު ފޮއްޓެއްގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ، އެ ޓީމުން ވަނީ އެ ހަތަރު ވޯޓު ފޮށި ބަންދުކޮށްދިނުމަށްވެސް އެދި، އެ މައްސަލަ އިންތިހާބާ ބެހޭ ކޮމިޓީއަށްވެސް ހުށަހަޅާފައެވެ. ނަމަވެސް އެކަމާމެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި 94،000 ވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާއިރު ޖުމްލަ 282 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ މެންބަރުން މިއަދު ދިން ވޯޓަކީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ހޯދައިދޭން ދިން ވޯޓެއް ކަމަށް ފައްޔާޒް ވިދާޅުވިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ އިންތިހާބުގައި ވާދަކުރެއްވުމާމެދު، ރައީސް ސޯލިހު މިހާތަނަށް އަދި ވަކި ގޮތެއް ނިންމަވައިފައެއް ނުވެއެވެ. އެކަމަކު ރައީސް ސޯލިހުގެ ބައެއް އަރިސް ބޭފުޅުން ވަނީ އެމަނިކުފާނު އެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.