އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނަން ފަށައި، ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރަން ފަށައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސާ ކަމަށާއި ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް މެންބަރަކު އިންތިހާބު ކުރުމުގެ ވޯޓުލުން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް އިންތިހާބާ ބެހޭ ކޮމިޓީން ވަނީ މިއަދު ހަވީރު 6:00 އަށް ވަގުތު އިތުރުކޮށްފައެވެ.
ހުރިހާ ސަރަހައްދެއްގައި ބަހައްޓާފައިވާ ވޯޓް ފޮށިތައް މިހާރު ވަނީ ބަންދުކޮށް، ގުނުމުގެ މަސައްކަތް ފަށައިފައެވެ. އަދި ބައެއް ފަށިތަކުގެ ނަތީޖާވެސް މިހާރު ދަނީ އިއުލާން ކުރަމުންނެވެ.
ވޯޓުލުމުގެ ވަގުތު އިތުރުކުރީ، ވިއްސާރަވުމާއި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެންނެވެ.
ވޯޓުގެ ވަގުތު އިތުރުކުރުމުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޓީމުން ވަނީ ވޯޓުގެ ވަގުތު އިތުރުކޮށްފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ، އެމްޑީޕީގެ ޝަކުވާ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް އެކަމަށް އެ ކޮމިޓީން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 94،000 ވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ. މި އިންތިހާބުގައި ޖުމްލަ 282 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު