އެންމެ ވޯޓަކުން ކުރި ހޯދައި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު 16:00 ޖެހިއިރު ނިންމާލައި ވަގުތީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފައެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އާމިނަތު ޝީޒާ އަށް ލިބުނީ 358 ވޯޓެވެ. އަދި އެ ގޮނޑި ކާމިޔާބުކުރި ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާއަށް ލިބުނީ 359 ވޯޓެވެ.

މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓަކު ވާދައެއް ނުކުރެއެވެ. އިންތިހާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާ އާއްމުކޮށްފައިވާ އިރު އިންތިހާބާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.