މުހައްމަދު ނަޝީދު، އެމްޑީޕީގެ ރައީސް

ލާދީނީއޭ ބުނާތީ ވަރަށް ހިތުގައި ޖެހޭ: ނަޝީދު

އިބްރާހިމް ޒަކީ

1

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް، ލާދީނީއޭ ގޮވުމަކީ، ވަރަށް ހިތުގައި ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިއްޔެ ވިދާޅުވީ، އެމަނިކުފާނުގެ އުމުރުން ހަތް އަހަރުގައި ހަތިމް ކުރުވި ކަމަށާއި، ކަހަފް ސޫރަތް، ބަގަރާ ސޫރަތް، ޔާސީން ސޫރަތް، އުމުރުން ނުވަ އަހަރުގައި ހިތުދަސް ކުރުވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ނަމާދުކޮށް ރޯދަހިފައި އުޅޭ ސޯލިހު މުސްލިމުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކީ، އަޅުގަނޑު އުމުރުން ހަތް އަހަރުގައި ހަތިމް ކުރުވި މީހެއް، އަޅުގަނޑަކީ ކަހަފް ސޫރަތް، ބަގަރާ ސޫރަތް، ޔާސީން ސޫރަތް، އަޅުގަނޑުމެންލައްވައި އަޅުގަނޑުމެންގެ އުމުރުން ނުވަ އަހަރުގައި ހިތުދަސް ކުރުވައިފި، ދެން ހަމަ ކަނޑައެޅިގެން ނަމާދުކޮށް ރޯދަހިފާ އުޅޭ ސޯލިހު މުސްލިމުން އަޅުގަނޑުމެންނަކީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާ ދިމާލަށް ވަރަށް ގިނަ އެއްޗެހި ގޮވާ ކަމަށެވެ. އެގޮތުން ގޮވާ އެއްނަމަކީ ގަންޖާބޯއެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނާ ދިމާލަށް ކިތަންމެ އެއްޗެއް ގޮވިޔަސް ހެޔޮ ކަމަށާއި، އެގޮތުން ގަންޖާބޯއޭ ގޮވިޔަސް ހެޔޮ ކަމަށާއި ނަމަވެސް ލާދީނީއޭ ގޮވުމުން ވަރަށް ހިތުގައި ޖެހޭކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ދިމާލަށް ލާދީނީއޭ ބުނީމަ އެއީ ވަރަށް ހިތުގަ ޖެހޭކަމެއް، އެއީ ވަރަށް ހިތުގަ ޖެހޭކަމެއް، އެހެން އިތުރު އެއްޗެހި ގޮވިއަސްވިޔަސްވެސް އަޅުގަނޑަށް ހެޔޮ، ގަންޖާބޯއޭ ގޮވިޔަސް ވެސް ހެޔޮ، އަޅުގަނޑުމެން ތަރުހިބިއްޔަތު ކޮށްފަ ހުރި ގޮތާއި، ބޮޑެތިކޮށްފަތިބި ގޮތާއި، އެހެންދެކޭ އިރުގައި، އަޅުގަނޑު ވަރަށް ދެރަވާކަމެއް އެއީ،،"

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެރަވާ ފަދައިން އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅުވެސް އެކަމާ އެހާ ދެރަވާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. "އަދި އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ކާފައިންނާއި މާމައިން ތިބިނަމަ އެމީހުން ވެސް ހަދާނެ ގޮތް ހުސްވާނެކަން،"

ރައީސް ނަޝީދު ވިދާޅުވީ، އެމަނިފާނުގެ ސިޔާސީ ވާދަވެރިންނަށްވެސް އެމަނިކުފާނަކީ ކާކުކަން އަދި ކިހިނެއް ބޮޑެތިވެފައިތިބި ބައެއްކަން އެނގޭނެ ކަމަށެވެ. ސިޔާސީ ހަޔާތުގައިވެސް އަދި އާއްމު ހަޔާތުގައިވެސް އެމަނިކުފާނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލާދީނީ ކިޔުންކަމަށްވެސް ވިދާޅުވިއެވެ.

ކީރިތި ގުރުއާނާއި ކީރިތި ރަސޫލާނެ ސުންނަތާ ދެކޮޅަށް ދުވަހަކުވެސް ވާހަކަ ދައްކަވައިފައި ނުވާނެ ކަމަށާއި، އެގޮތަށް އެމަނިކުފާނު ވާހަކަ ދައްކަވާފައިވާ ކަމަށް ބުނަނީ ސިޔާސީ ފައިދާއެއް ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ.