ޚަބަރު

ވޯޓު ދޭންވީ އެމްޑީޕީ ގޯސް މިސްރާބަކަށް ދިޔަ ނުދިނުމަށް: އިންތި

މުހައްމަދު އިޝާން

އެމްޑީޕީ ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީ ހުރިހާ މެމްބަރުން ނުކުމެ ވޯޓު ދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް އިންތި ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އަދި އޭގެ ފަހުން އެ އިންތިހާބުގައި އިދިކޮޅުން ނުކުންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއެކު ދެ ބަހުސެއްގައި ވެސް އިންތި ބައިވެރިވެވަޑައިގެންނެވިއެވެ.

ކެމްޕޭނުގައި އަދި ބަހުސްގައި ވެސް އިންތި ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެންމެ ގާބިލު މީހާއަކީ އޭނާ ކަމަށާއި އޭނާއަށް ވޯޓު ދޭންވީ އެމްޑީޕީގެ އަސާސްތަކާއި އެޕާޓީ އުފެދުނު މަގުސަދު ކަމަށްވާ ގައުމާއި ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް ކަމަށެވެ. އަދި އޭނާގެ ވާދަވެރި ފައްޔާޒް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެކަހެރިކުރަން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

ކެމްޕޭން ނިންމަވައިލެއްވުމުގެ ގޮތުން އިންތި މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަ ދުވަހުގެ މަސައްކަތާއި ގުރުބާނީތަކަކާއެކު ނަގައި ކޮޅަށް ޖެހުނު އިސްލާހީ ހަރަކާތެއް ކަމަށެވެ.

"މި ރީތި އުއްމީދީ ހަރަކާތް ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީ ހުރިހާ މެމްބަރުން ނުކުންނަވައި ވޯޓު ދެއްވާ،" އިންތި ވިދާޅުވިއެވެ.

ޗެެއާޕާސަން ކެމްޕޭނުގައި ފައްޔާޒްވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.

ފައްޔާޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެންމެން އެކުވެ ކުރިއެރުން ހޯދައި ފިތުނަ އާއި ނަފުރަތުން އެކަހެރިވެ ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެވޭނެ އާރުކާޓީންނަކީ އެމްޑީޕީ މެމްބަރުން ކަމަށެވެ.

"އަލުން އާ ބާރަކާއެކު އެމްޑީޕީ ހިންގާލަން ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެދެން،" ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މާދަމާ ބާއްވާ އިރު، އެ ޕާޓީގެ އަންހެނުން ރޫހުގެ ރައީސާ ހޮވުމުގެ އިންތިހާބު ވެސް މާދަމާ ބާއްވާނެއެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ ފޯރިގަދަ އިންތިހާބުގައި މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި އިންތި ވާދަކުރައްވަނީ ރައީސް ނަޝީދުގެ ފެކްޝަނުންނެވެ.

އެމްޑީޕީން އަންނަ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހަށް އެ ޕާޓީގެ ކޮންގްރެސް ތާވަލުކޮށްފައިވާ އިރު، ގާނޫނުއަސާސީއަށް ގެންނަވަން ނަޝީދު ހުށަހަޅުއްވާ ބަދަލުތަކާ މެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގައެވެ. އެ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ އަލަށް އިންތިހާބުކުރާ ޗެއާޕާސަނެވެ.