ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، "މަޖީދީ ރަން" އިފްތިތާހުކޮށްދެއްވައިފިއެވެ.
އެ ދުވުން އިފްތިތާހުކުރުމަށް މުލިއާގޭ ކުރިމަތީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މަޖީދިއްޔާ ސްކޫލުގެ ކެޕްޓަން ވަނީ ރައީސްގެ އަތްޕުޅަށް "މަޖީދީ ރަން"ގެ ޓޯޗް އަރުވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެ ޓޯޗު ސްޓިއަރިން ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާއީލާ ހަވާލުކޮށްދެއްވައިފައެވެ.
އެ ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލުގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށް ވަނީ "މަޖީދީ ރަން" ގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދެއްވައި، "މަޖީދީ ރަން"އާ ގުޅޭ ހާއްސަ ޓީޝާޓެއް ވެދުން ކުރައްވައިފައެވެ.
"މަޖީދީ ރަން" އަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެ ދުވުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މާލޭ ދުވާ ޓްރެކުގައެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލު، މަޖީދިއްޔާއަށް 95 އަހަރު ފުރިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. މިއަދު ފެށި ދުވުން 95 ގަޑިއިރަށް ކުރިއަށްގެންދާނެއެވެ.